ކެރިއަރުގައި ޔޫރަޕްގެ ރަންބޫޓް 6 ފަހަރަށް ހޯދި ފުރަތަމަ ކުޅުންތެރިއަކަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ވެއްޖެއެވެ.
މިދިޔަ ސީޒަންގެ ރަން ބޫޓު ބުދަ ދުވަހު މެސީއާއި ޙަވާލުކޮށްފައިވާއިރު، މެސީ މިފަހަރުގެ ރަންބޫޓް ޙާސިލްކޮށްފައިވަނީ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭއާއި ވާދަކޮށެވެ. މެސީވަނީ މިދިޔަ ސީޒަންގައި 36 ލަނޑު ޖަހާފައެވެ.
މިހާތަނަށް އެހެން ކުޅުންތެރިއަކު މިއަދަދަށް ޔޫރަޕްގެ ރަން ބޫޓް ހޯދާފައިނުވާއިރު، މިއީ މެސީ ރަންބޫޓު ހޯދާ ފަހު ފަހަރެކޭވެސް ބުނެވޭކަށް ނެތެވެ. އެއީ ރަންބޫޓާއި ޙަވާލުވެ މެސީ ދެއްކި ވާހަކަ ނިންމާލާފައިވަނީ "އަދި ބައްދަލުވާނެ" މިހެންބުނެ ކަމަށްވާތީއެވެ.
ބާސެލޯނާގެ އަންޓިގުއާ ފެބްރިކް ޑޭމްގައި ކުރިއަށްދިޔަ މިހަފްލާގައި މެސީއާއެކު އޭނާގެ އަނބި އެންޓޮނެއްލާ ރޮކޯޒޯގެ އިތުރުން އެންމެ ދޮށީ ދެދަރިންކަމަށްވާ ތިއާގޯއާއި މަޓެއޯވެސް ބައިވެރިވެފައިވެއެވެ.
ޔޫރަޕްގެ ފުރަތަމަ ރަން ބޫޓް މެސީ ހޯދާފައިވަނީ 2009/10 ސީޒަންގައެވެ. އެއަށްފަހު 2011/12، 2012/13، 2016/17 އަދި 2017/18 ގައިވެސް މެސީވަނީ ރަންބޫޓް ހޯދާފައެވެ.

އެންމެ ގިނަ އަދަދަކަށް ޔޫރަޕްގެ ރަންބޫޓު ހޯދި ކުޅުންތެރިންގެ ލިސްޓްގެ އެއްވަނާގައި މެސީ އޮތްއިރު، ދެވަނާގައި އުޅެނީ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯވަނީ މިއެވޯޑު ހަތަރު ފަހަރެއްގެ މަތިން ހޯދާފައެވެ.
މިހަފްލާގައި ވާހަކަ ދައްކަމުން މެސީ ބުނީ، އޭނާއަށް މިއެވޯޑް ޙާސިލްކުރެވުނީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ މަސައްކަތުންކަމަށާއި، މިއެވޯޑަކީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ހޯދައިދިން އެވޯޑެއް ކަމަށެވެ.
މީގެ އިތުރުން އަމިއްލަ ދިރިއުޅުމާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން މެސީ ބުނީ، މެޗުގައި ރަނގަޅަށް ކުޅެވޭނީ ރަނގަޅު ކާނާގެ އިތުރުން އެކަށީގެންވާ ވަރަށް އަރާމުވެސް ކޮށްގެންކަމަށާއި، އެގޮތުން ތަރުކާރީއަކީ ވަރަށް ފައިދާހުރި އެއްޗެއްކަމަށެވެ.
އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލިފައިވާ މެސީއަށް މިސީޒަންގައި މިހާތަނަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.




