ރޭ މޮނާކޯއާއި ދެކޮޅަށް ކުޅުނު މެޗުގައި ހެދި ހެޓްރިކާއެކު ޔޫރަޕްގެ ރަންބޫޓު ރޭހުގައި މެސީއާ 3 ލަނޑު ކައިރިއަށް އެމްބާޕޭ ޖެހިލައިފިއެވެ.
ބާސެލޯނާ އެންމެ ފަހުން ހުއެސްކާއާއި ދެކޮޅަށް ކުޅުނު މެޗުގައި މެސީ ކުޅެފައިނުވާއިރު މިހަފްތާ ބަންދުގައި ރެއަލްސޮސިޑޭޑްއާއި ބާސެލޯނާ ބައްދަލުކުރި މެޗުގައި މެސީއަށް ލަނޑެއް ކާމިޔާބުކުރެވޭގޮތްވަނީ ނުވެފައެވެ. އެހެންނަމަވެސް ލަލީގާގައި ބާސެލޯނާއަށް ޖަހައިދިން 33 ލަނޑާއެކު މެސީ އޮތީ މިލިސްޓްގެ އެއްވަނާގައެވެ.
އެމްޕާބޭ ލީގު 1 ގައި ޕީއެސްޖީއަށް 30 ލަނޑު ޖަހާދީފައިވެއެވެ. މެސީއަށްވުރެ މަދުވަނީ ހަމަ އެންމެ ތިންލަނޑެވެ. 30 އޭޕްރިލް ގެ ކުރިން އެމްބާޕޭ ލީގު މެޗެން ކުޅުމަށް ހަމަޖެހިފައިނުވާއިރު މިތަފާތު ބޮޑު ކުރަން މެސީއަށް މިވަނީ ފުރުޞަތު ލިބިފައެވެ.
ބާސެލޯނާއިން ލަލީގާ ހޯދުމަށް މަދު ޕޮއިންޓް ކޮޅެއް ބޭނުންވާއިރު މެސީގެ ވިސްނުން ލަލީގާގެ ބަދަލުގައި މިހާރު ހުންނާނީ ޗެމްޕިއަންސް ލީގުގެ ސެމީއާ ދިމާއަށްކަމާމެދު ޝައްކެއްނެތެވެ. ސެމީގައި ބާސެލޯނާ ލިވަޕޫލް ވާދަކުރާއިރު ސެމީގެ ފުރަތަމަ މެޗު އޮންނާނީ މެއި 1 ވަނަ ދުވަހުގެ ރެޔެވެ. އަދި ދެވަނަ މެޗު އޮންނާނީ މެއި 7 ވަނަ ދުވަހުގެ ރެޔެވެ. ޗެމްޕިއަންސް ލީގަށް ފިޓްވުމުގެ ގޮތުން މެސީ ލަލީގާ މެޗުތަކުގައި ބައިވެރި ނުވެއްޖެނަމަ އެމްބާޕޭއަށް މެސީއާއި ހަމަކުރަން އިތުރު ފުރުޞަތަކަށް ވެގެންދާނެއެވެ.
ޔޫރަޕް ގޯލްޑަން ބޫޓަކީ ޔޫރަޕްގެ ޤައުމީ ލީގުތަކުގައި އެންމެ ގިނަ ލަނޑުޖަހާފައިވާ ކުޅުންތެރިންތަކުގެ ތެރެއިން އެންމެ ގިނަ ލަނޑުޖަހާފައިވާ ކުޅުންތެރިއަކަށްދޭ އެވޯޑެކެވެ. މިދިޔަ ދެސީޒަންގައިވެސް މިއެވޯޑް ހޯދާފައިވަނީ ލިއޮނަލް މެސީއެވެ. މެސީ 5 ފަހަރެއްގެ މަތިން މިއެވޯޑް ހޯދާފައިވެއެވެ.
ލިއޮނަލް މެސީ ހޯދި 5 ޔޫރަޕިއަން ގޯލްޑެން ބޫޓާއެކު - ފޮޓޯ: ޗިކާގޯ ޓްރިބިއުން
ޔޫރަޕް ގޯލްޑަން ބޫޓު ސްޓޭންޑިންސް
- ލިއޮނަލް މެސީ – 33 ލަނޑު
- ކީލިއަން އެމްބާޕޭ – 30 ލަނޑު
- ފަބިއޯ ކުއަގްލިއަރެއްލާ – 22 ލަނޑު
- ކަރިމް ބެންޒެމާ – 21 ލަނޑު
- ކްރިޒިސްޓޮފް ޕިއާޓެކް – 21 ލަނޑު
- ރޮބާޓް ލެވެންޑޯސްކީ – 21 ލަނޑު
- ލުއިސް ސުއަރޭޒް – 20 ލަނޑު
- ޑުވާން ޒަޕަޓާ – 20 ލަނޑު
- ކްރިސްޓިއާނޯ ރޮނާލްޑޯ – 19 ލަނޑު
- މުޙައްމަދު ސަލާޙް – 19 ލަނޑު
- ސާޖިއޯ އަގުއޭރޯ – 19 ލަނޑު