ސުޕްރީމް ކޯޓު ފަނޑިޔާރު ރޫތު ބޭޑާ ގިންސްބާގް

ގިންސްބާގްގެ ބަދަލުގައި ސުޕްރީމްކޯޓަށް ދެންވެސް އައްޔަންކުރަން ހުށަހަޅާނީ އަންހެނެއްގެ ނަން

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިދިޔަ ހުކުރު ދުވަހު ނިޔާވި އެމެރިކާގެ ސުޕްރީމް ކޯޓު ފަނޑިޔާރު ރޫތު ބޭޑާ ގިންސްބާގްގެ ބަދަލުގައި އެމަގާމަށް އިސްކުރުމަށް ހުށަހަޅާނެ ނަންފުޅަކީ އަންހެން ބޭފުޅެއްގެ ނަންފުޅު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ފަސް ފަހަރަކު ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވި އުމުރުފުޅުން 87 އަހަރުގެ ގިންސްބާގް އަވަހާހާރަވެފައިވަނީ އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވަން ހަ ހަފްތާއަށް ވެފައި ވަނިކޮށެވެ. ގިންސްބާގް ނެތިދިއުމުން އެ މަގާމަށް ދެން ބޭފުޅަކު އައްޔަން ކުރައްވާނެކަން ޓުރަމްޕް ހާމަކޮށްފައި މިވަނީ އެ މަގާމަށް ހޮވާނެ ބޭފުޅެއްގެ ނަން ހުށަހަޅުއްވަން ވާނީ އިންތިހާބަށް ފަހުކަމަށް އިދިކޮޅުން ބުނަމުން އަންނަނި ކޮށެވެ.

އެމެރިކާގެ ސުޕްރީމްކޯޓުގައި ޖުމްލަ ނުވަ ފަންޑިޔާރުން ހިމެނިވަޑައިގަންނަވާއިރު މި ނުވަ މެންބަރުންގެ ސިޔާސީ ވިސްނުންފުޅުގެ ހަމަހަމަކަމަކީ އެ ކޯޓުން ނެރޭ ހުކުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާނެ އެއްޗެކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ގިންސްބާގް އައްޔަން ކުރީ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ވެރިކަމުގައި 1993ގަ އެވެ. ޓުރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން އޭނާ ވަނީ ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު އައްޔަން ކުރައްވާފަ އެވެ.

ގިންސްބާގްގެ ބަދަލުގައި ސުޕްރީމް ކޯޓަށް ހޮވާނެ ފަނޑިޔާރެއްގެ ނަންފުޅު ހުށަހެޅުން އިންތިހާބުގެ ފަހަށް ލަސްކުރުމަށް އިދިކޮޅުން ގޮވާލަމުން ދަނިކޮށް އެ މަގާމަށް ބޭފުޅެއްގެ ނަންފުޅު އަންނަ ހަފްތާގައި ހުށަހަޅުއްވާނެ ކަމަށާއި ހުށަހަޅުއްވާނީ އަންހެން ބޭފުޅެއްގެ ނަންފުޅުކަން ޓުރަމްޕް އިއުލާން ކޮށްފައިވަނީ އުތުރު ކެރޮލީނާގައި އިއްޔެ ކުރިއަށްދިޔަ ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސެނެޓުގެ މެޖޯރިޓީ ލީޑަރު މިޗް މެކޮނެލް މިމައްސަލައިގައި ވިދާޅުވީ އިންތިހާބުގެ ކުރިން ޓުރަމްޕް ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއްގެ ނަން ހުށަހަޅުއްވައިފި ނަމަ، އެކަމާ ބެހޭ ވޯޓެއް ސެނެޓުގައި ނަގާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ