މޫސުން ގޯސްވެ ހއ. އަތޮޅުން ބ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ހަމައަށް ވައިޓް އެލާޓު ނެރެފައިވަނީ ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާ ގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަ ވާނެ ކަމަށްވެސް މެޓްް އޮފީހުން ވަނީ ލަފާކޮށްފައިވެއެވެ. މިސަރަހައްދަށް ވައިޓް އެލާޓު ނެރެފައިވަނީ މިރޭގެ 22:00 އިން މެންދަމު 03:00 އާއި ހަމައަށެވެ.
Alert White Extended pic.twitter.com/4EGK4hr0EN
— Maldives Meteorology (@MetMaldives) September 20, 2020
ރާއްޖެ އަށް މިދުވަސް ކޮޅު ވިއްސާރަ ވުމުން އެކި އަތޮޅުތަކަށް މޫސުމާއި ބެހޭ އިދާރާއިން ދަނީ ވައިޓް އެލާޓް ނެރެމުންނެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ.
"އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށެވެ. އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.




