ގުޅީފަޅު

ގުޅީފަޅުގައި ބައިނަލްއަގްވާމީ ބަނދަރެއް ހެދުމާއި ގުޅޭގޮތުން ސާރވޭއެއް ކުރަނީ

ގުޅީފަޅުގައި ބައިނަލްއަގްވާމީ ބަނދަރެއް ހެދުމާއި ގުޅޭގޮތުން އާއްމުން ދެކޭގޮތް ބެލުމަށް ސާރވޭއެއް ކުރަން ފަށައިފިއެވެ.

މި ސާރވޭ އަކީ މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމަޢުއަށް އަސަރު ފޯރާނޭ މިންވަރު ބެލުމުގެ ގޮތުން، ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލް ރިސޯސް ގްރޫޕް (ލަމަޔަރ) އިން ތައްޔާރުކުރާ ރިޕޯޓުގެ ބައެކެވެ.

މި މަޝްރޫއުގެ އެދިޔާރަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓެވެ. މި ސާވޭ އަކީ މާލޭގެ ޕޯޓުތަކުގައި ދެވޭ ހިދުމަތްތައް ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއު ރާވާލެވިފައިވާ ގޮތާއި މެދު ހިޔާލު ހޯދުމުގެ ގޮތުން ކުރެވޭ ސާވޭއެކެވެ.

ގުޅީފަޅުގައި އިންޓަރނޭޝަނަލް ޕޯރޓް ހެދުމަށް ކުރިއަށް ގެންދެވޭ މަޝަރޫޢުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަޙައްދުގައި މިހާރު ހުރި ހުރިހާ ވިޔަފާރި ބަނދަރުތަކުގެ މަސައްކަތްތައް ގުޅިފަޅަށް ބަދަލުކުރުމާއި މާލޭގެ ވިޔަފާރި ބަނދަރުތަކުގެ ޖާގައިގެ ދަތިކަމުގެ މި ބަނދަރުތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ގިނަގުނަ ދަތިތަކާ ކުރިމަތިވަމުން ދާތީ ކަމަށް މި ސާވޭގައި ބުނެފައި ވެއެވެ. އަދި މި ބަނދަރުތަކުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްވެސް ވަނީ މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ހުރަސް އެޅިފައި ކަމަށާއި މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މި ކަންކަމަށް ޙައްލެއް ހޯދުން ކަމުގައެވެ.

މިގޮތުން މި ފިޔަވަހީގައި މާލޭ ކޮމާރޝަލް ހާރބަރ، ނޯތު ހާރބަރ އަދި ޓީ ޖެޓީ ސަރަހައްދުގެ ބައެއް ޚިދްމަތްތަކާއި މަސައްކަތްތައް ގުޅިފަޅު ޕޯރޓް 2023 ގައި ހުޅުވުމުން އެސަރަޙައްދަށް ބަދަލުކުރެވޭނެ ކަމަށާއި މިމަޝްރޫޢުގެ ސަބަބުން ޕޯރޓްގެ ޖާގަ ބޮޑުވެ، ޚިދުމަތް އަވަސްވެ، މަސައްކަތްތަކަށް ފަސޭހަވުމުގެ އިތުރުން، ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ މާލެއިން، އަލުން ތަރައްގީ ކުރުމަށް ޖާގަ ލިބިގެންދާނެ ކަމަށް ސާވޭގައި ބުނެފައި ވެއެވެ.

މި ސާވޭގައި ބުނެފައި ވަނީ މާލޭގެ ހުޅަނގުއުތުރު ފަރާތުގައި އޮންނަ "މާލޭ ކޮމާރޝަލް ހާރބަރ" އަކީ ރާއްޖެއަށް ބޭރުން އަންނަ ހުރިހާ ބޯޓުފަހަރުތައް ބަނދަރުކޮށް، ކޮންޓޭނަރތައް ބާލާ އަދި ކްލިއަރ ކުރާ ސަރަޙައްދު ކަމަށާއި މި ސަރަޙައްދުގައި ކުރެވޭ ހުރިހާ މަސައްކަތެއް ގުޅީފަޅަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި "ނޯރތު ހާރބަރ" އަކީ މާލޭ ކޮމާރޝަލް ހާރބަރ ގެ އިރަށް އޮންނަ ބަނދަރު ސަރަޙައްދު ކަމަށާއި މިސަރަޙައްދަކީ ރާއްޖޭގެ އަތޮޅުތަކުން އަންނަ ދޯނިފަހަރާއި (މީހުން އަދި މުދާ އުފުލާ)، މަސްދޯނިފަހަރުވެސް ބަނދަރުކުރާ ސަރަޙައްދު ކަމަށައި މީގެ އިތުރުން އަތޮޅުތަކަށް މުދާ ގެންދިއުމަށް ދޯނިތަކަށް މުދާ އަރުވަނީވެސް މި ސަރަޙައްދުގައި ކަމަށެވެ.

ގުޅިފަޅު ޕޯރޓް ހުޅުވުމުން، ރަށްރަށުން އަދި ރަށްރަށަށް މުދާ އުފުލާ ދޯނިފަހަރުތަކުގެ ހުރިހާ މަސައްކަތެއް ގުޅީފަޅަށް ބަދަލުކުރެވޭނެ ކަމަށާއި އެހެން ނަމަވެސް، މަސްދޯނިތަކަށާއި، ރަށްރަށުން އަންނަ މީހުން އުފުލާ ދޯނިފަހަރުތަކަށް (ފެރީ ސާރވިސްތަކަށް) މިސަރަޙައްދަށް ގާތްކުރެވޭނެ ކަމަށް ސާވޭގައި ބުނެފައި ވެއެވެ. މާލޭގެ ހުޅަނގުދެކުނު ކަނުގައި ހެދިފައިވާ ބަނދަރާއި ޓީ ޖެޓީ ސަރަޙައްދަކީ ތަފާތު މަސައްކަތްތަކެއް ކުރިއަށްދާ ތަނެއް ކަމަށާއި މިގޮތުން ކައިރި ރަށްތަކަށް ފެރީ ދަތުރުތައް، ރިސޯރޓް ބޯޓުފަހަރަށް މުދާ ބަރުކުރުން، ދޯނިފަހަރަށް ތެޔޮއެޅުމުގެ އިތުރުން، އެސަރަހައްދުގައި ވަރަށް ގިނަ ލޯންޗްފަހަރު އަޅާފައިއޮންނަ ކަމަށާއި ގުޅީފަޅު ޕޯރޓް ހުޅުވުމުން، ރިސޯރޓް ބޯޓުފަހަރަށް މުދާ ބަރުކުރުމުގެ މަސައްކަތް އެޕޯރޓް އަށް ބަދަލުކުރެވިގެން ދާނެ ކަމަށާއި އެހެންނަމަވެސް، ރަށްރަށަށް ކުރެވޭ ފެރީދަތުރުގެ ޚިދްމަތްތަކާއި، ބޯޓުފަހަރު އެޅުމުގެ ޚިދްމަތް މިސަރަޙައްދުން ލިބޭނެކަމަށް ބުނެފައި ވެއެވެ.

މިކަންކަން ގުޅީފަޅަށް ބަދުކުރެވިގެންދާނެ ކަމަށް ބެލެވެނީ 2023 ވަނަ އަހަރު ހާތާނގައި ކަމަށާއި މިހާތަނަށް މާލެ، ވިލިނގިލި އަދި ގުޅީފަޅު ގުޅުވައިދޭ ބްރިޖް އެޅުމުގެ މަޝްރޫއުވެސް ނިމޭނެކަމަށް ލަފާކުރެވޭ ކަމަށް މި ސާވޭގައި ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ