45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ބުނެފައި ވަނީ، މިއަދު 10:30 އިން ފެށިގެން ހަވީރު 16:30 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް އެކަށީގެންވާ ކަމަށެވެ.
Alert White for heavy rain and thunderstorms, strong winds of 19 – 24 mph and gusts of 45 mph with rough seas. pic.twitter.com/trOarHP9kk
— Maldives Meteorology (@MetMaldives) September 22, 2020
ކުރިއަށްއޮތް ވަގުތުތަކުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، މެދުރާއްޖެތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
"އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. އަދި ދެކުނު އަތޮޅުތަކަށް ދެކުނާއި ހުޅަ ނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
އުތުރާއި މެދުރާއްޖޭތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކުގައި އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ. އަދި ރާޅުގެ އުސްމިން 3 އާއި 6 ފޫޓު ހުންނާނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.



