ފޯނެއްގެ ތެރޭގައި މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި މަކުނުދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފޯނެއްގެ ތެރޭގައި އެތެރެކުރި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ހދ. އަތޮޅުގައި ދުއްވާ އަތޮޅު ފެރީން މަކުނުދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 25 ވަނަ ދުވަހުގެ ހަވީރު 17:39 ހާއިރު ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހެއް ކަމަށެވެ.

"އެފެރީ މަކުނުދޫ ބަނދަރާ ގާތްކުރި ވަގުތު ފެރީއަށް އަރާ ކޮތަޅެއް ހިފައިގެން ފައިބައިގެން ދަނިކޮށް މިމީހާ ހުއްޓުވައި ބަލައިފާސްކުރި އިރު މި މީހާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި އޮތް ފޯނެއްގެ ކަވަރުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހދ. މަކުނުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ މަކުނުދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް