މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޮޕަރޭޝަންތަކެއްގައި މަސްތުުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
އެގޮތުން މި އޮޕަރޭޝަންތައް ހިންގާފައިވަނީ ށ. ފުނަދޫއާއި ނ. ކުޑަފަރީގެ އިތުރުން ހދ. ކުޅުދުއްފުށީގައެވެ.
ފުލުހުން ވިދާޅުވީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި ސެޕްޓެމްބަރ 21 އަދި 22 ގައި ހިންގި އެ އޮޕަރޭޝަންތަކުގައި ފުނަދޫން ވަނީ 35 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެއްގެއިތުރުން 26 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިކަމަށެވެ. މި ތިންމީހުން ހައްޔަރުކޮށް އެރަށުގެ ތިން ސަރަހައްދެއް ބަލައި ފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި 32 ކަރުދާސްކޮޅު ހޯދާފައިވާކަމުގައި ފުލުހުން ވިދާޅުވެފައިވެއެވެ.
ނ. ކުޑަފަރީގައި ހިންގި އޮޕަރޭޝަނުގައި އެ ރަށު ބަނދަރު ސަރަހައްދުން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފުލުހުން ވަނީ ހޯދާފައެވެ.
މީގެ އިތުރުން ހދ. ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނުގައި އެ ރަށު ބަނދަރު ސަރަހައްދުން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމުގައި ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




