މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ސައީދު | ފޮޓޯ: މަޖިލިސް

ރާއްޖޭގެ ކަންކަން ބޭރު ގައުމަކުން ނިންމާ ދަރަޖައަށް ވެއްޓުމަށް ވުރެ ނިކަމެތި ކަމެއް ނެތް: ސައީދް

ދިވެހިރާއްޖޭގެ ކަންކަން ބޭރު ގައުމަކުން ނިންމާ ދަރަޖައަށް ވެއްޓުމަށް ވުރެ ނިކަމެތި ކަމެއް ނެތް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައި ވަނީ ހަނިމާދޫ އިންްޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް، ތަރައްގީކުރުމުގެ ޕްރޮޖެކްޓް ނިމުމުން އެތަން ވާނީ ރާއްޖޭގެ އުތުރުގައި ޓޫރިޒަމް ކުރިއަރުވަން ކުރާ މަސައްކަތުގެ އިންޖީނަކަށް ކަަމަށް އިންޑިއާ އިން ބުނުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

އިންޑިއާ ހައިކޮމިޝަނުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ހަނިމާދޫ އެއާޕޯޓް ތަރައްގީކުރާނީ 2200 މީޓަރުގެ ރަންވޭއަކާ އެކުގައެވެ. އޭރުން އޭ320 މަރުކާގެ މަތިންދާބޯޓްތަކާއި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓަށް ޖެއްސޭނެއެވެ. ހައި ކޮމިޝަންގެ ބަޔާނުގަައިވާ ގޮތުން، ރަންވޭ ބޮޑުކުރުމުގެ އިތުރުން ޕެސެންޖާ ޓާމިނަލްތައް، ކާގޯ ޓާމިނަލްތައް، ފިއުލް ފާމް އަދި ފަަޔަ ސްޓޭޝަންތައް ތަރައްގީކުރުން ވެސް އެ ޕްރޮޖެކްޓްގައި ހިމެނެއެވެ.

ސައީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރާއްޖޭގައި ކުރާނެ ނުކުރާނެ މަސައްކަތާއި ކަންކަން ނިންމުމުގެ ބާރަކީ ދިވެހި ރައްޔިތުންގެ އަމިއްލަ ހައްގެއް ކަމަށާއި އެކަން ނިންމާނީ ބޭރު ގައުމަކުން ނޫން ކަމަށެވެ.

"މި ދަރަޖައަށް ސަރުކާރު ވެއްޓުމަށް ވުރެ ވަކީން ބޮޑު ނުރައްކަލަކާއި ނިކަމެތިކަމެއް އަންނާނެބާ؟" ސައީދު ވިދާޅުވިއެވެ.

އިދިކޮޅު ގިނަ އަދަދެއްގެ ބަޔަކު އިންޑިއާ އިން ރާއްޖެއަށް އަތްގަދަ ކުރަމުންދާ ކަމަށް ބުނެ “އިންޑިއާއައުޓު” ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފައްޓާފައިވެއެވެ. އެގޮތުން ގިނަ ބަޔަކު އަންނަނީ މި ގައުމަށް އިންޑިއާ އިން އެހީތެރިކަން ދެނީ އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ބެހެއްޓުމަށް ކަމަށް ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ