ފޮޓޯ: ޕީޕީއެމް މީޑިއާ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރުގެ މަޤާމަށް ޑރ. ޝަހީމް އައްޔަންކުރައްވައިފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރުގެ މަޤާމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ހަމަޖައްސަވައިފިއެވެ.

ކުރީގެ ރައީސް ޔާމިންގެ ރަނިންމޭޓްގެ ގޮތުގައި ވާދަކުރެއްވި، ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މި މަޤާމަށް ހަމަޖެއްސިވިކަން ރަސްމީކޮށް އިޢުލާންކޮށްދެއްވީ މިއަދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މިކަން އިއުލާންކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ކޯލިޝަންގައި ހިމެނޭ ދެ ޕާޓީގެ ޕާޓީގެ ލީޑާރޝިޕުން ނިއްމާ، ކައުންސިލު މެންބަރުންގެ ތާއީދާއެކު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރުގެ މަޤާމަށް ޑރ. ޝަހީމް އައްޔަންކުރެވިފައިވާކަމަށެވެ.

އަދުރޭ ވިދާޅުވީ، ގައުމު މިއަދު މިއޮތް ހާލަތުގައި، ޑރ. ޝަހީމް ފަދަ ބޭފުޅަކު ކޯލިޝަން ޕާޓީގެ އިސްސަފުގައި މަސައްކަތް ކުރެއްވުމަކީ، ޕާޓީގެ މަސައްކަތައް ލިބިވަޑައިގެން ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

މިއަދަކީ، މީގެ ދެއަހަރު ކުރިން ބޭއްވި ރަސްމިއްޔާތުގައި ބޮޑު ތަފާތަކުން ރައީސް އަބްދުﷲ ޔާމީން ބަލި ކުރައްވައި ކާމިޔާބު ހޯއްދެވި އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) ރައީސްކަމަށް އިންތިހާބުވި ދުވަހެވެ. އެގޮތުން މިކަމާއި ގުޅުވައިގެން އަދުރޭ ވިދާޅުވީ، އެދުވަހަކީ ތާރީޙީ ދުވަހެއްކަމަށާއި، އަދި މިއަދު މި މަޤާމަށް ޑރ. ޝަހީމް އައްޔަންކުރެއްވުމަކީވެސް ތާރީޙީކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

"މީގެ ދެއަހަރު ކުރިން މިއަދު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު އަބްދުއްޤައްޔޫމް ޤައުމާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގެ މަތިން އަޅުގަނޑުމެން ވަރަށް ބޮޑަށް ހަނދާންވޭ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު މިއަދު އަޑުއަހާލުމުން، ރައީސް ޔާމިނުގެ ދުރުވިސްނި ވަޑައިގަތުމާއި، އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ޤައުމީ ލޯބި އެނގިގެންދާކަމަށެވެ.

"އެދުވަހު އެ ތަޤުރީރުގައި އެމަނިކުފާނު ވިދާޅުވި ކަންތައްތައް އަކުރުން އަކުރަށް، ފިލިން ފިއްޔަށް މިއަދާއި ހަމައަށް އައިއައުން، މިއަދުގެ މި ހާލަތުގައި އެ ތަޤުރީރު އަޑުއަހާލީމާ ރައީސް ޔާމިނުގެ ހިތްޕުޅުގައި މި ޤައުމަށް އޮތް ލޯއްބާއި އަދި މި ޤައުމާއި ދޭތެރޭގައި ރައީސް ޔާމިނު ގެންގުޅުއްވި ވިސްނުްނފުޅާއި، ހަމައެއާއެކީގައި އެމަނިކުފާނުގެ ދުރުމިއަށް މިއަދުގެ ހާލަތު ފެނިވަޑައިގެންނެވި ގޮތް އަޅުގަނޑުމެންގެ ތަަސައްވަރުވެގެންއެބަދޭ" އަދުރޭގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، އެދުވަހު ރައީސް ޔާމީން ދެއްވީ ވަރަށް އަސަރުގަދަ ތަޤުރީރެއްކަމަށާއި، ޤައުމަށް ވެގެން ހިނގައިދާނެ ގޮތްތަކެއްގެ ވާހަކަ އެމަނިކުފާނު ދެއްކެވި ކަމަށާއި، އަދި އެކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކަށް އިލްތިމާސްތަކެއް ކުރެއްވި ކަމަށާއި، އަދި އެކަމަށް ފާރަވެރިވުމަށް ދިވެހި ރައްޔިތުންނަށް ވަސިއްޔައް ކުރެއްވި ކަމަށް އަދުރޭ ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ފުރަތަމަ ފަހަރަށް ދިވެހި ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޝަހީމް ޑރ. ޝަހީމް ވިދާޅުވީ، ޤައުމީ ހިދުމަތުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނީތީވެ އެކަމާއި އުފާވާ ކަމަށާއި، ނަމަވެސް ހިތާމަކުރަނީ، ރައީސް ޔާމީން އެ ތަނުގައި ވަޑައިގެން ނެތުމުންކަމަށެވެ.

ޝަހީމް ވިދާޅުވީ، ދިވެހިރާއްޖެ މިހާރު މިވަނީ ރައީސް ޔާމިނުގެ ޒައާމަތަށް ވަރަށް ބޮޑަށް ބޭނުންވެފައިކަމަށެވެ.

ޝަހީމް ވިދާޅުވީ، ރާއްޖެއަށް އިޖްތިމާއީ، އިގްތިސާދީ އަދި ދީނީ ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށާއި، އަދި މިކަންކަމުން އަރައިގަތުމަށް ހަރުދަނާ، ވަރުގަދަ ޝަޚްސިއްޔަތެއް ބޭނުންވާ ކަމަށެވެ. އަދި މިކަންކަމުން އަރައިގަތުމަކީ ރައީސް ޔާމީން ނޫން ބޭފުޅަކަށް ވާނެ ކަމެއްނޫންކަމަށް ޝަހީދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ