ނާޗަރަންގީ ޖަގަހައަށް ޝަހީމްގެ ރައްދު: ޒުވާނުން ބޭނުންވަނީ ވަޒީފާއާއި އަބުރުވެރި ދިރިއުޅުން

"މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި، އެކުވެރިންނާއި ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި، އުފާވެރި މާހައުލެއްގައި ހީނ، ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެފަދަ މަރުކަޒެއް ޤާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި"، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސްކުރުން މިއަދު ކުރިއަށް ދިޔައެވެ.

އެމްޑީޕީން ހުށަހަޅާފައިވާ މި ގަރާރަށް ބަހުސްކުރިއިރު، އެޕާޓީގެ ވަރަށް ނަގާ ކިޔޭ މެންބަރުން ވަނީ މިއުޒިކަކީ ކޮންމެހެންވެސް ބޭނުންވާ އެއްޗެއްކަމަށް ވިދާޅުވެ، މިއުޒިކަކީ ހަރާމް ނުކުރެވޭނެ އެއްޗެއްކަމަށް ވިދާޅުވެ، ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީގެ މެންބަރުން މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ގިނަ ބަޔަކު ވަނީ ރައްދު ދީފައެވެ. އެގޮތުން ނާޗަރަންގީ ޖަގަހަތަކުގެ ބަދަލުގައި، އެއަށްވުރެވެސް މާލޭގެ ޒުވާނުން ބޭނުންވާ ކަންތައްތައް ހުރިކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުން، ކުރިން އިސްލާމިކް މިނިސްޓަރުކަމާއި، އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރުކަން އަދި ބައިނަލްއަޤުވާމީ އިސްލާމީ ޖަމިއްޔާގެ އަމީންއާއްމުގެ އެޑްވައިޒަރުކަން ކުރެއްވި ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުވަނީ އެމްޑީޕީގެ މެންބަރުންނަށް ވަރުގަދަ ރައްދުތަކެއް ދެއްވާފައެވެ.

ޓްވިޓަރގައި ޑރ. ޝަހީމް ވަނީ ޒުވާނުންނަށް ބޭނުންވާ އެތައް ކަމެއް ހިއްސާކުރައްވާފައެވެ.

އެގޮތުން ނާޗަރަންގީ ޖަގަހައަކަށްވުރެ ޒުވާނުންނަށް މިއަދު ބޭނުންވަނީ އެކަށީގެންވާ ވަޒީފާގެ ފުރުސަތުތަކާއި، ހިތްފަސޭހަ ދިރިއުޅުމަކާއި، ބޯހިޔާވަހިކަމާއި ހަރުދަނާ އާއިލާއެއް ބިނާކުރުމަށް އަބުރުވެރި ދިރިއުޅުމަކަށްކަމަށް ވިދާޅުވިއެވެ. ސިޔާސީ ލީޑަރުން ޒުވާނުންގެ މިސްތަގުބަލު އުޖާލާކުރުމަށް އަމާޒު ހިފަންވެސް ޝަހީމް ވަނީ ގޮވާލައްވާފައެވެ.

ހަމައެހެންމެ، ޑިގްރީ އާއި މާސްޓަސް ފުރިހަމަކޮށް އެތައް ޒުވާނުންނަކަށް ވަޒީފާ ނުލިބިފައި ތިބިކަމަށާއި އެފަދަ ޒުވާނުންނަށް، މައިންބަފައިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ނެތިފައި ތިބިކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން، ވަޒީފާއަށްޓަކައި ސަލާން ޖަހަން ޖެހޭ ހާލަތު ނެތިކޮށް، އެޒުވާނުންގެ އަތުގައި ހިފަން ޖެހޭކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ޑރ. ޝަހީމް ވިދާޅުވީ ސިޔާސީ ލީޑަރުންނަށް ޤައުމަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތަކީ، ޒުވާނުން ނާޗަރަންގީ ޖަގަހަތަކާއި ނައިޓްކްލަބްތަކުގެ ޝިކާރައަކަށް ވިޔަ ނުދީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ޒުވާނުންގެ ޝަހުސިއްޔަތު ބިނާކުރުންކަމުގައިކަމަށެވެ.

މިލިޔުން ކިޔާލުމުން
611
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ