މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ދިވެހިރާއްޖޭގެ ވެރިކަމަށް އައުމުގައި ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ޙިއްސާވެސް އޮތްކަން މައުމޫނުގެ ދަރިކަނބަލުން އަދި މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.
ޓްވިޓާރ މެދުވެރިކޮށް ޔުމްނާ ވިދާޅުވީ، ކޯލިޝަން އަކާއެކު މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ މީގެ 2 އަހަރު ކުރިންކަމަށާއި، އެ އިންތިޚާބު ކާމިޔާބު ކުރުމުގައި ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމާއި މިހާރުގެ އެމްއާރުއެމްގެ ލީޑަރޝިޕްއާއި މެންބަރުން ކުރެއްވި ހިއްވަރުގެ ހަނދާން އާ ކޮށްދޭކަމަށެވެ.
މިއަދަކީ ދިވެހިރާއްޖޭގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ވަގުތީ އިޢުލާންކުރިތާ ދެ އަހަރު ފުރޭ ދުވަހެވެ. އިލެކްޝަންސް ކޮމިޝަނުން އެދުވަހު އިޢުލާންކުރި ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިޚާބު ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ކާމިޔާބުކޮށްފައިވަނީ 134616 ވޯޓާ އެކުގައެވެ. އަދި އިންތިޚާބުގައި ވާދަކުރި ކުރީގެ ރައީސް ޔާމީނަށް ލިބިފައިވަނީ 96132 ވޯޓެވެ.
ކޯލިޝަން އަކާއެކު މިހާރުގެ ރައީސް @ibusolih ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ މީގެ 2 އަހަރު ކުރިން. އެ އިންތިޚާބު ކާމިޔާބު ކުރުމުގައި ރައީސް @maumoonagayoom އާއި މިހާރިގެ @MRM_Office ގެ ލީޑަރޝިޕްއާއި މެންބަރުން ކުރެއްވި ހިއްވަރުގެ ހަނދާން އާ ކޮށްލަން. pic.twitter.com/FKAlf2gakd
— Yumna Maumoon (@yumna_maumoon) September 24, 2020
ޔުމްނާ މިހެން ވިދާޅުވެފައިވާއިރު، ނިމިގެން މިދިޔަ ހަފްތާގައި މީސްމީޑިއާ އެންމެ ގަދަޔަށް ދެކެވެމުންއައި ވާހަކައަކީ ރައީސް މަޢުމޫންގެ އަނިޔާވެރިކަމުގެ ވާހަކައެވެ. އަދި މަޢުމޫނު އަނިޔާވެރިކަމުގެ ވާހަކަ މިހާރުގެ ސަރުކާރުގެ އިސް ފަރާތްތަކުންވެސް ދައްކަވާފައިވާއިރު، އޭގެތެރެއިންވެސް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ފާހަގަކޮށްލެވެއެވެ.
ރައީސް މަޢުމޫނާއި ދެކޮޅަށް އަބަދުވެސް ފާޑުވިދާވަޅުމުން ގެންދަވާ ރައީސް ނަޝީދު2008 ވަނަ އަހަރު ވެރިކަމަށްވަޑައިގަތީވެސް މަޢުމޫނާއި ވާދަކުރެއްވުމަށް ފަހުގައެވެ. އެއަހަރުގެ އިންތިޚާބަށް ތައްޔާރުވަމުންދިޔަ ބަހުގެ އެތަށް ހަމަލާތަކެއް ދެފަރާތުންވަނީ އެއްބަޔަކު އަނެއް ބަޔަކަށް ރައްދުކޮށްފައެވެ.
އުމުރުން 19 އަހަރުގެ ޒުވާން އީވާން ނަސީމު މާފުށީ ޖަލުގައި ހައްޔަރުކޮށް ބަހައްޓައިގެން ތަޅައި އަނިޔާކޮށް މަރާލިތާ 17 އަހަރު ފާހަގަކޮށް ބޮޑެތި އެތަށް ފަރާތްތަކެއް ސެޕްޓެމްބަރު 19 ވަނަ ދުވަހު ޝުޢޫރު ފާޅުކޮށްފައިވާއިރު، ނަޝީދު ވިދާޅުވީ އެދުވަހަކީ ރައީސް މައުމޫން ވެރިކަމުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވި ދުވަސްކަމަށެވެ.
މާފުށީ ޖަލުގައި އިވާން ނަސީމް މަރާލާފައިވަނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އިވާން ނަސީމް މަރާލާފައިވަނީ އަނިޔާވެރި މަރަކުންކަން ސާބިތުކޮށްދެއްވުމަށް މަސައްކަތްކުރައްވައި، އީވާން ނަސީމުގެ މަރުގެ ސެޓިފިކެޓްގައި ސޮއިކުރުމުގެ ކުރިން އެ މަރުޙޫމްގެ މަރު ތަހުގީގުކޮށް މަރުވި ސަބަބު ބެލުމަށް ޑޮކްޓަރުންނަށް ގޮވާލެއްވި ބޭފުޅަކީވެސް ރައީސް މުޙަންމަދު ނަޝީދު އެވެ.



