މާމެންދޫއިން އެއްޢާއިލާއެއްގެ 5 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ގއ. މާމެންދޫއިން އެއްޢާއިލާއެއްގެ 5 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވި ގޮތުގައި މާމެންދޫން ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގައި ތިބި 5 މީހެކެވެ. އަދި އެ 5 މީހުންނަކީ އެއްޢާއިލާއެއްގެ ބައެއްކަމަށާއި، އެމީހުން ހޯމް ކަރަންޓީންގައި ތިބޭތާ މިއަދަށް 12 ދުވަސްވެފައިވާއިރު އެޢާއިލާގެ މީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ ބަލީގެ އަލާމާތްތައް ހުރެގެން އިއްޔެ ސާމްޕަލް ނަގައި ޓެސްޓްކުރުމުންކަމަށްވެސް ވިދާޅުވިއެވެ.

މާމެންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޒަޢީމް މިނޫހަށް ވިދާޅުވީ، އެރަށުން އެއް ޢާއިލާއެއްގެ ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށާއި، މިމީހުންނަކީ ހޯމް ކަރަންޓީނުގައި ތިބި ބައެއްކަމަށްވާއިރު، މިމީހުންނާއެކު ޖުމްލަ 7 މީހުން އެގޭގައި ހޯމް ކަރަންޓީނުގައި ތިބިކަމަށެވެ.

އަދި ހޯމް ކަރަންޓީނުގެ މުއްދަތު ހަމަނުވަނީވެސް އެފަސް މީހުންގެ ސާމްޕަލް ނަގާފައިވަނީ، އެމީހުންގެ ގައިން ބަލީގެ ޢަލާމަތްތައް ފެނުމުންކަމަށްވެސް ޒަޢީމް ވިދާޅުވިއެވެ. އަދި ސާމްޕަލް ނުނަގާ އަނެއް ދެމީހުންގެ ކިބައިންވެސް މިހާރު ބަލީގެ ޢަލާމާތް ފެންނަކަމަށް މަޢުލޫމާތު ލިބޭކަމަށާއި، ސާމްޕަލް ނުނަގާހުރީ 4 އަހަރުގެ ކުއްޖަކާއި 1 މަސްވެސް ނުފުރޭ ކުއްޖެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒަޢީމް ވިދާޅުވި ގޮތުގައި އެޢާއިލާއިން ޕޮޒިޓިވްވި ފަސް މީހުންގެ ތެރޭގައި އުމުރުން 63 އަހަރާއި 76 އަހަރުގެ މީހަކުވެސް ހިމެނެއެވެ. އަދި މިދެމީހުންގެ ހާލު ގާތުން ބަލަމުންދާކަމަށާއި، އެޢާއިލާ އެއަތޮޅު ވިލިގިނލި ކަރަންޓީނު ފެސިލިޓީއަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.

ޒަޢީމް އިތުރަށް ވިދާޅުވީ، މިހާތަނަށް އެރަށުން ޖުމްލަ 9 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށާއި، އަދި މިވަގުތު އެރަށުގައި ކޮވިޑްގެ އެކްޓިވްހުރީ 6 ކޭސް ކަމަށެވެ.

މިދިޔަ ޖޫންމަހުގެތެރޭގައިވެސް ގއ. މާމެންދޫގައި ހޯމް ކަރަންޓީނުގައި ތިބި އެއް ޢާއިލާއެއްގެ 3 މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވެވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ