ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުއްޓާއި އިންޑިއާ ގުޅުވާލަދިން ކާގޯ ފެރީއަށް މަރުޚަބާ ދެންނެވުމަށް ކުޅުދުއްފުށިން ރާވާފައިވާ ކުލަގަދަ ހަރަކާތްތައް ކެންސަލްކޮށްފިއެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބަދުލްލަތީފް ހަސަން ވަނީ އޮންލައިން ނޫސް "ތިލަދުން"އަށް މިކަން ކަށަވަރުކޮށްދެއްވާފައެވެ.
އޭނާ ވިދާޅުވެފައިވަނީ މާދަމާ ބާއްވަން ތައްޔާރުވަމުންއައި ހަރަކާތްތައް ކެންސަލްކުރެވިފައިވަނީ، އެރަށަށް ދަތުރުކުރި ބޯޓެއްގެ ކެޕްޓަނަކު ކޯވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާތީ ކަމަށެވެ.
ކޮޗިން ފެރީއަށް މަރުޚަބާ ދެންނެވުމަށް ތައްޔާރުވަމުންއައި ކުލަގަދަ ސަގާފީ ހަރަކާތްތަކާއި އެހެނިހެން ކުޅިވަރުތައް ކެންސަލް ކުރިނަމަވެސް ކުރިއެކޭވެސް އެއްފަދައިން މިކަމަށްޓަކައި ވާޗުއަލްކޮން ބޭއްވުމަށް ހަމަޖެހިފައިވާ އެރަސްމިއްޔާތު ކުރިއަށް ދާނެއެވެ.
މި ހަރަކާތްތައް ކެންސަލްކުރިއިރު، ކުޅުދުއްފުއްޓާއި މާލެއާއި ދެމެދު ދަތުރުކުރާ ފާޅު ބޯޓުގެ ކެޕްޓަނުގެ އިތުރުން އެރަށުގައި ހޯމްކަރަންޓީނު ފުރިހަމަކުރި އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ކޮޗިން ފެރީއަށް މަރުޚަބާ ކިޔުމުގެ ރަސްމިއްޔާތު ވަގުތުން ގެނެސްދިނުމަށް ދައުލަތުގެ މީޑިއާގެ ތިން ބޭފުޅުންނާއި ރާއްޖެ ޓީވީގެ ރިޕޯޓަރަކު އަދި ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ވަފުދެއް ކުޅުދުއްފުއްޓަށް ވަޑައިގެންފައިވާއިރު، ބައެއް ފަރާތްތަކުން ޢާއްމުންނާ އިންޓަވިއުކޮށް އެރަށުތެރޭގައި އުޅޭތީ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުންް ފާޅުކޮށްފައެވެ.
ރާއްޖެއާއި އިންޑިއާ ފެރީގެ ނިޒާމަކުން ގުޅުވާލަދޭ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ މި ކާގޯ ފެރީ ރާއްޖެއަށް ދަތުރުކުރަމުންދާއިރު، މިރޭ ފަތިހު5 ޖަހާއިރު ކުޅުދުއްފުއްޓަށް ބަނދަކުރާ މި ބޯޓުގެ ފުރަތަމަ ދަތުރުގައި ގެންނަނީ500 ޓަނުގެ ސިމެންތިއާއި، ކާބޯތަކެއްޗާއި އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރެވެ.



