ޔޫކްރެއިންގެ ހަނގުރާމަމަތީ މަތިންދާބޯޓެއް ވެއްޓި އޭގެން ދަތުރުކުރި 28 މީހުންގެ ތެރެއިން 22 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ އެމަރޖެންސީ ސާރވިސްއިން ބުނެފިއެވެ.
ސޫވިއެޓް ޔޫނިއަންގެ ދުވަސްވަރު އެ ގައުމުން އުފެއްދި "ދަ އެންޓޮނޮވް އެން-26" މަރުކާގެ މި ބޯޓު ވެއްޓިފައިވަނީ ގިނަ އަދަދެއްގެ އޭވިއޭޝަން ދަރިވަރުން ގޮވައިގެން ދަތުރު ކުރަމުން ދަނިކޮށް ކަމަށާއި މަރުވި ގިނަ މީހުންނަކީވެސް މި ދަރިވަރުން ކަމަށް މައުލޫމާތު ލިބެއެވެ.
ބޯޓު ވެއްޓެން ދިމާވި ވަކި ސަބަބެއް އަދި ހޯދިފައި ނުވާއިރު ބޯޓު ވެއްޓިފައިވަނީ އަސްކަރީ އެއާޕޯޓަކަށް ޖައްސަން އުޅުމުގެ ތެރޭގައި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
ބޯޓުން ޖުމްލަ 28 މީހުން ދަތުރު ކޮށްފައިވާއިރު މަރުވި މީހުންގެ އަދަދަކީ 22 އެވެ. ދެމީހަކު ސީރިއަސް އަނިޔާތަކާއެކު މަރުވެފައިވާއިރު ބާކީތިބި ހަތަރު މީހުން އަދި ފެނިފައި ނުވާކަމަށް ޔޫކްރެއިންގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ.
ޔޫކްރެއިންގެ ރައީސް ވޮލްޑިމިއަރ ޒެލެންސްކީ އެގައުމުގެ ޕާލަމެންޓަށް ދިން ބަޔާނުގައި ބުނެފައިވަނީ ބޯޓު ވެއްޓިފައިވަނީ ތަމްރީން ދަތުރެއްގައި އުދުހެމުން ދަނިކޮށް ކަމަށެވެ.




