ހދ. ކުޅުދުއްފުށީ ބޯޓުން އިތުރު ކޮވިޑް ކޭސްތަކެއް ފެނިއްޖެއެވެ.
ހދ. ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ކެޕްޓަނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އިއްޔެއެވެ.
މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އެރަށުން ޕޮޒިޓިވްވި އިތުރު ދެ މީހުންނަކީވެސް އެ ބޯޓުގެ ކެޕްޓަނގެ ކޭސްއާއި ގުޅުންހުރި ދެމީހުންނެވެ. އެގޮތުން މިއަދު ޕޮޒިޓިވްވެފައިވާ ދެމީނުންނަކީވެސް އެބޯޓުގެ ދެ ފަޅުވެރިންނެވެ.
އިތުބާރުހުރި މަސްދަރަކުން މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ކުޅުދުއްފުށީ ބޯޓުގެ ކެޕްޓަން ކޭސްއާއި ގުޅިގެން ނެގި މިހާތަނަށް 11 ސާމްޕަލްއެއްވަނީ ނަގާފައެވެ. އަދި އެ ހުރިހާ ސާމްޕަލްތަކެއްގެ ނަތީޖާވެސް މިހާރު ލިބިފައިވާއިރު ޕޮޒިޓިވްވެފައިވަނީ ދެމީހުންނެވެ.
އެއީ އުމުރުން 23 އަހަރާއި 54 އަހަރުގެ ދެފިރެހެނުންނެވެ.
މޮނިޓަރިންގެ ހާލަތަށް ލާފައިިވުމުން ކުޅުދުއްފުށީގައި މިވަގުތު ތިބި އެއްވެސް ފަރާތަކަށް އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި ހުއްދަނެތި އެއްވެސް މީހަކަށް ރަށަށް އެރުންވެސްވަނީ މަނާކޮށްފައެވެ.
ނިމިދިޔަ އޮގަސްޓް މަހުގެ ތެރޭގައިވެސް ކުޅުދުއްފުށި ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެފަހަރު ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކުޅުދުއްފުށިން އިތުރު ފަރުވާއަށް މާލެ ފޮނުވި ކުއްޖެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
މިކޭސްތަކުގެ އިތުރުން ކުޅުދުއްފުށީ ހޯމް ކަރަންޓީނުގައި ހުރި ކުޑަ އަންހެން ކުއްޖަކުވެސްވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން ފަސް އަހަރުގެ މި ކުއްޖާ ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައިވަނީ، ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ނެގި ސާމްޕަލްއިންނެވެ. މި ކުއްޖާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށްވެސް މިނޫހަށް ވަނީ މަޢުލޫމާތު ލިބިފައެވެ.



