19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަމަށް ވަޑައިގަތުމަށް އެއްގޮތަކަށްވެސް ކުރިން ނުނިންމަވާކަމަށް މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ރައީސްކަމަށް ގެންނަން އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ މެންބަރުން ހުށަހެޅުއްވި ހުށަހެޅުން ޤަބޫލުފުޅު ކުރެއްވުމަށްފަހު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.
މަޖިލީހުގެ ރައީސްކަމަށް ނަޝީދުގެ ނަންފުޅު މަޖިލިސް ތަޅުމަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ އިއްތިފާޤުން ނިންމަވާފައިވަނީ ދާދި ދެންމެއެވެ. ނަޝީދު ނަންފުޅު ޕާލިމަންޓަރީ ގްރޫޕަށް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްއެވެ. އަދި އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފުއެވެ.
ނަޝީދު ވިދާޅުވީ، އެ ހުށަހެޅުއްވުން ޤަބޫލުފުޅު ކުރެއްވީ މެންބަރުން އެގޮތަށް ހުށަހެޅުމާއެކު، ޕާޓީގެ ޚިޔާލުތަފާތުވުންތައް ނައްތާލައްވަން ކަމަށެވެ.
"އެ ޚިޔާލުތަފާތުވުމާ އެކީގައި އަޅުގަނޑުމެން ކުރިއަށް ނުދާން، ޕާޓީއަށް އެއްބަސް ވެވިގެން އެކަށްޗެއް ކިޔޭ ގޮތަކަށް ކުރިއަށް ދާންވެގެން." ހުށަހެޅުއްވުން ޤަބޫލުފުޅު ކުރެއްވުމާ ގުޅޭގޮތުން ނަޝީދު ވިދާޅުވިއެވެ.
އިތުރަށް ނަޝީދު ވިދާޅުވީ، މަޖިލިސް ރައީސަކަމަށް ވަޑައިގަންނަވަން ހުށަހެޅުއްވި ހުށަހެޅުން ޤަބޫލުފުޅު ކުރެއްވީ، ޕާޓީއަށް ދިމާވެފައިވާ "ދަތި އުނދަގޫ މަގު" ޤަބޫލުފުޅުކުރެއްވޭތީ ކަމަށެވެ.
"މިއީކީއެއް އެއްގޮތަކަށްވެސް އަޅުގަނޑު ވިސްނާފައި އޮތް ވިސްނުމެއް ނޫން އަދި އަޅުގަނޑު ކުރިއަށްދާން އެއްގޮތަކަށްވެސް ނިންމާފައި އޮތް ގޮތެއް ނޫން. މެންބަރުން އެގޮތަށް އެދިވަޑައިގަތުމާއި، އަދި އަޅުގަނޑުވެސް ޤަބޫލުކުރަން އަޅުގަނޑުމެނަށް ކުރިމަތިވެފައި އޮތް އުނދަގޫ ދަތި މަގުވެސް." ރައީސް ނަޝީދު ވިދާޅުވިއެވެ.
މިރޭގެ އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕްގެ ބައްދަލުވުމަށް މެންބަރުން ވަޑައިގެންނެވިއިރު، މަޖިލިސް ރައީސް ހޮވުމުގެ ބަހުސް އޮތީ ހޫނުވެފައެވެ. ނަމަވެސް އެ ހޫނު ބަހުސް ނިމިގެންދިޔައީ ދެ ވާދަވެރިން ނަޝީދުގެ ނަން ހުށަހެޅުއްވި ހިސާބުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުން މާދަމާރޭ 21:30 ގައި ބެއްވުމަށް ހަމަޖެހިފައިވާއިރު، މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް ހޮވުމަށް ބާއްވާ ފުރަތަމަ ޖަލްސާ އޮންނާނީ މާދަމާރޭ 22:30 ގައެވެ.