ވެކްސިން ތައްޔާރު ކުރުމުގެ ކުރިން 2 މިލިއަން މީހުން މަރުވެދާނެ: ޑަބުލިޔުއެޗްއޯ

ކޮވިޑް-19ގެ ވެކްސިން ތައްޔާރުކޮށް ބޭނުން ކުރުމުގެ ކުރިން ދެމިލިއަން މީހުން ކޮވިޑް-19 ޖެހިގެން މަރުވެދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ ޑަބުލިޔުއެޗްއޯ އިން ބުނެފިއެވެ.

ޑަބުލިޔުއެޗްއޯގެ ފަރާތުން އިއްޔެ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަ ޖަމުއިއްޔާގެ އެމަރޖެންސީސް ޕުރަގުރާމުގެ އެންމެ އިސްވެރިޔާ ޑރ. މައިކް ރަޔާން ވިދާޅުވީ، ދުނިޔޭގެ ހުރިހާ ގައުމުތައް ގުޅިގެން ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓުރޯލް ކުރުމަށް މަސައްކަތް ނުކުރާނަމަ ދެމިލިއަން މީހުން މިބަލީގައި މަރުވުން އެކަށީގެންވާ ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ފެނުނުތާ މިހާރު ނުވަމަސްދުވަސް ފާއިތުވެގެން ގޮސްފައިވާއިރު މިބަލީގައި މުޅި ޖުމްލަ މަރުވި މީހުންގެ އަދަދަކީ 988،965 އެވެ.

ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު މިހާރު މިލިއަނަކަށް ގާތްކޮށްފައިވާއިރު އެ އަދަދު ދެ މިލިއަނާ ހަމައަށް ނުގޮސް ވާނެ ގޮތް ހަދަން އަހަރެމެން މި ތިބީ ތައްޔާރުވެގެންތޯވެސް ޑރ. ރަޔާންވަނީ ދުނިޔޭގެ ގައުމުތަކުގެ ކިބައިން ސުވާލު ކޮށްފައެވެ.

ކޮވިޑް-19 ފެތުރެނީ ހަމައެކަނި ޒުވާނުންގެ އަމަލުތައް ހުއްނަގޮތުން ނޫންކަން ފާހަގަ ކޮށް ޑރ. ރަޔާން ވިދާޅުވީ، އިންޑޯ ތަންތަނުގައި އެކިއުމުރުގެ ފަރާތްތައް އެއްވެ ހިނގޭ ހަރަކާތްތަކުގެ ސަބަބުން މިފަހުން ކޮވިޑް-19ގެ ކޭސްތައް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވުވާ ނިސްބަތައް ބަލާ މިބަލީގައި މަރުވާ ނިސްބަތް ދައް ނަމަވެސް، ސީރިއަސް ބަލިތައް ހުއްނަ ފަރާތްތަކަށް މިބައްޔަކީ ނުރައްކާތެރި ބައްޔެކެވެ. އަދި މިފަދަ ފަރާތްތަކުގެ ހާލަތު މިބަލީގައި ދައްވެގެންދަނީ ކުއްލިއަކަށްކަން ކަމާބެހޭ ފަރާތްތަކުން ފާހަގަ ކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ