ދަތުރު ދިއުމާއި ޕާޓީ ބޭއްވުން އިތުރުވުމުން ޑރ.ނަޒްލާގެ ކަންބޮޑުވުން!

މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި ޕާޓީތައް ބޭއްވުމާއި ދަތުރު ދިއުން ފަދަ ހަރަކާތްތައް އިތުރުވެފައިވާ ކަމަށާއި މިއީ ގްރީން ޒޯނަށް ދާން އެޅޭނެ ހުރަހެއް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑްގެ ކޭސްތައް ރާއްޖޭގައި މަދުވި ނަމަވެސް އަދިވެސް އެ ބައްޔާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު ދިރިއުޅުމުގެ މުހިއްމުކަން ޑރ. ޝީނާ މުސާ ވަނީ ވަރަށް ތަފްސީލުކޮށް ހިއްސާކުރައްވާފައި ކަމަށާއި، ނަމަވެސް މިދިޔަ ހަފުތާ ބަންދުގައި ފެނިގެންދިޔައީ ގިނަ ބަޔަކު މަގުތަކުގައި ހަރަކާތްތެރިވުމުގެ އިތުރުން ދަތުރުތަކާއި ޕާޓީތައް އިތުރުވެގެން ދިޔަ މަންޒަރު ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މިހާރު ރާއްޖެ ގްރީން ޒޯނަކަށް ދަތުރުކުރަމުން އަންނައިރު އެފަދަ ގޮތަކަށް އަމަލުތައް ބަހައްޓާނަމަ ގްރީން ޒޯނަކަށް ދިއުމަށް ހުރަސް އެޅި އެކަމަށް ދިގު މުއްދަތެއް ނަގާފާނެ ކަމަށެވެ.

އެހެންކަމުން، މިއަދު ކޮވިޑްގެ ކޭސްތައް ވަރަށް މަދުން ފެނުންނަމަވެސް މިއީ ރާއްޖޭގެ ކޮވިޑްގެ ހާލަތު ރަނގަޅުވުން ކަމަށް ބަލާއި ފިޔަވަޅުތަކަށް ބޯނުލަނބަންވީ ވަގުތު ނޫން ކަމަށެވެ. އަދިވެސް ފިޔަވަޅުތަކަށް ސަމާލުވާން އިލްތިމާސްކުރައްވާ ޑރ. ނަޒްލާ ވަނީ ފަރުވާކުޑަކޮށްފިނަމަ ކުރިން ދިމާވި ގޮތަށް ކޭސްތަކުގެ އަދަދު މަދުވުމަށް ފަހު އަނެއްކާ ވެސް އިތުރުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އަށް 31 މީހުން ޕޮޒިޓިވުވެ ޖުމްލަ ޕޮޒިޓިވުވި މީހުންގެ އަދަދު 10،045 އަރައިފައިވާ ކަމަށެވެ.

މިއަދު އަލަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، 25 ދިވެހިންނާ 6 ބިދޭސީންނެވެ. މީގެތެރެއިން 26 މީހުން މާލެއިން ޕޮޒިޓިވުވެފައިވާއިރު ފަސް މީހަކުވަނީ އަތޮޅުތެރޭ ރައްތަކުން ޕޮޒިޓިވުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ