ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދް - ފޮޓޯ: ރައީސް އޮފީސް

ކުރީގެ އިސްލާމިކް މިނިސްޓަރު ޒިޔާދުގެ މައްޗަށް ދައުވާ އުފުލައިފި

އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން އާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ނިންމައި، އެ މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. އަހްމަދު ޒިޔާދުގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ބ. އޭދަފުށި، ހަލަވެލި، ޑޮކްޓަރު އަޙްމަދު ޒިޔާދު މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒްގެ މަޤާމުގައި ހުރިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް އޭ ކޮންސްޓްރަކްޝަންއިން ހުށަހެޅި ޕްރޮޕޯސަލްއާ ޚިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ޤާއިމުކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަންއަށް ޢީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސް ޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާތީ، ޑޮކްޓަރ އަޙްމަދު ޒިޔާދުގެ މައްޗަށް ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ. މި ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

އަދި ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމެނެންޖެހޭ މަޢުލޫމާތު ނެތްއިރު، އެޕްރޮޕޯސަލްތަކާ ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓްގައި އެސް ޖޭ ކޮންސްޓްރަކްޝަންއަށް އެ މަސައްކަތް ޙަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާބޮޑު ގޮތްކަމަށް ބަޔާންކޮށް، އެސް ޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.

އެހެންކަމުން ސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ، މުޙައްމަދީއާބާދު އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށް ވިދާޅުވިއެވެ. މި ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

މިމުޢާމަލާތުގެ އެކި މަރްޙަލާތަކުގައި ހިމެނޭ، ޑަބްލިއު އެންޑް އޭ އޯވަރސީސް ޕީޓީއޭއާއި އެކުންފުނީގެ އިސްވެރިންގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އެމައްސަލައިގައި ހިމެނޭ އެބައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުއްވުމަށް އޭސީސީއަށް ވާނީ ލަފާދީފައި ކަމަށާއި މިމައްސަލައިގެ ތެރޭގައި، އިސްލާމިކް މިނިސްޓްރީން ޢާންމުކޮށްފައިނުވާ މަޢުލޫމާތުތަކެއް އެސް ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަން މައްސަލައިގެ ލިޔުންތަކުން އެނގެން އޮންނާތީ މިކަން ވެފައިވާގޮތް އިތުރަށް ތަޙްޤީޤްކޮށް، މިކަމުގައި ޖިނާއީ ޒިންމާ އުފުލަންޖެހޭ ކަމެއް އޮތްކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުއްވުމަށްވެސް އޭސީސީއަށް ވާނީ ލަފާދީފައި ކަމަށް ޕީޖީ އިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ