ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު މިލިއަނަކަށް އަރައިފިއެވެ.
ކޮވިޑް-19 ޗައިނާގެ ވޫހާން ސިޓީއިން މިދިޔަ އަހަރުގެ ޑިސެމްބަރުމަސްތެރޭ ފެނުނުފަހުން މިހާތަނަށް އަހަރެއްވާން ކައިރިވެފައިވާއިރު މިބަލީގައި މުޅި ޖުމްލަ މިހާތަނަށް މަރުވި މީހުންގެ އަދަދު ކަމަށް ވޯލްޑްމީޓާސް ވެބްސައިޓުގައި ބުނެފައިވަނީ 1,000,202 މީހުން ކަމަށެވެ.
މިބަލީގައި މަރުވި މީހުންގެ އަދަދު މިލިއަނަކަށް މިރޭ އަރައިފައިވާއިރު މުޅި ޖުމްލަ މިބައްޔަށް ޕޮޒިޓިވުވި މީހުންގެ އަދަދު އުޅެނީ 33,177,416 ގައެވެ. ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން މިބައްޔަކީ މުޅި ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ބޮޑު ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅައިފައިވާއިރު މިބައްޔަށް ހާއްސަ އެއްވެސް ފަރުވާއެއް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.
މިބައްޔަށް ވެކްސިނެއް ހެދުމަށް ގިނަ ގައުމުތަކަކުން މަސައްކަތް ކުރަމުން އަންނައިރު ޗައިނާ އަދި ރަޝިއާފަދަ ބަޔެއް ބޮޑެތި ގައުމުތަކުންވަނީ މިބައްޔަށް ވެކްސިނެއް ހޯދިފައިވާކަން އިއުލާން ކޮށްފައެވެ. ނަމަވެސް މިވެކްސިންތައް އަދިވެސް ބޭނުން ކުރަމުންދަނީ އެ ގައުމުތަކުގައި އެކަންޏެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރިފައިވާއިރު މިބަލީގެ ސަބަބުން ގައުމުތައް ބަންދުވެ އިގުތިސާދީ މަސައްކަތްތަކަށް ބުރޫއެރުމާއި ގުޅިގެން މުޅި ދުނިޔޭގެ އިގުތިސާދުވެސްވަނީ ވަރަށް ބޮޑުތަނުން ދަށަށް ދާންފަށައިފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ އެމަރޖެންސީސް ޕުރަގުރާމުގެ އެންމެ އިސްވެރިޔާ ޑރ. މައިކް ރަޔާން މިދިޔަ ހުކުރު ދުވަހު ވިދާޅުވީ، ދުނިޔޭގެ ހުރިހާ ގައުމުތައް ގުޅިގެން ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓުރޯލް ކުރުމަށް މަސައްކަތް ނުކުރާނަމަ ދެމިލިއަން މީހުން މިބަލީގައި މަރުވުން އެކަށީގެންވާ ކަމަށެވެ.




