ކުޅުދުއްފުށީގައި މިއަދު ރޭންޑަމް ސާމްޕަލް ނެގުން / ފޮޓޯ: ކޭއޯ

ކުޅުދުއްފުށިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވުވެއްޖެ

ކުޅުދުއްފުށިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވުވެއްޖެއެވެ.

މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އެރަށުން ޕޮޒިޓިވްވި މީހަކީ އިއްޔެ ފާޅު ބޯޓުން ޕޮޒީޓިވްވި ފަޅުވެރިޔާގެ ކޭސްއާއި ގުޅުންހުރި މީހެކެވެ. މިއާއެކު ކުޅުދުއްފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ ފަހަކަށް އަރާފައެވެ.

ހުކުރުދުވަހު މާލެއިން ކުޅުދުއްފުއްޓަށް އައި ފާޅުބޯޓުން ބަލީގެ އަލާމަތްތައް ހުރެގެން ފުރަތަމަ ޓެސްޓްކުރީ އެ ބޯޓްގެ ކެޕްޓަނެވެ. އޭނާ ޕޮޒިޓިވްވުމާއެކު ބޯޓްގެ ހުރިހާ ފަޅުވެރިން އެކަހެރިކޮށް ސާމްޕަލް ނަގައި ޓެސްޓްކުރިއިރު އިތުރު ދެ ފަޅުވެރިޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި އެވެ.

އޮންލައިން ނޫސް "ކުޅުދުއްފުށި އޮންލައިން" ގައި ރިޕޯޓް ކޮއްފައިވާ ގޮތުގައި، ފާޅުބޯޓްގެ ކޭސްތަކާއި ގުޅިގެން މިހާތަނަށް 51 މީހަކު އެކަހެރިކޮށް، 7 ގެޔެއް ކަރަންޓީނުކޮށްފައިވެއެވެ. އަދި މީގެ އިތުރުން ފާޅުބޯޓްވެސް ވަނީ ކަރަންޓީނުކޮށްފައި އެވެ. މި ކޭސްއާ ގުޅިގެން މިއަދު ވަނީ އިތުރު ދެ މީހެއްގެ ސާމްޕަލް ނަގައިފައިއެވެ. އޭގެ ތެރޭގައި ނޮޅިވަރަމް މީހަކުވެސް ހިމެނެއެވެ.

ކޮވިޑް އާއި ގުޅިގެން ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ލާފައިިވުމުން ކުޅުދުއްފުށީގައި މިވަގުތު ތިބި އެއްވެސް ފަރާތަކަށް އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި ހުއްދަނެތި އެއްވެސް މީހަކަށް ރަށަށް އެރުންވެސްވަނީ މަނާކޮށްފައެވެ.

މި ބޯޓް ނޮޅިވަރަމަށްވެސް ގޮސްފައިވާތީ އެރަށްވެސް އޮތީ މޮނިޓަރިން ހާލަތަށް ގެނެސްފައި އެވެ. އެގޮތުން އެރަށުގައި ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 5 މީހަކު ވަނީ އެކަހެރިކޮށްފައިއެވެ.

ނިމިދިޔަ އޮގަސްޓް މަހުގެ ތެރޭގައިވެސް ކުޅުދުއްފުށި ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެފަހަރު ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކުޅުދުއްފުށިން އިތުރު ފަރުވާއަށް މާލެ ފޮނުވި ކުއްޖެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

މިކޭސްތަކުގެ އިތުރުން ކުޅުދުއްފުށީ ހޯމް ކަރަންޓީނުގައި ހުރި ކުޑަ އަންހެން ކުއްޖަކުވެސްވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން ފަސް އަހަރުގެ މި ކުއްޖާ ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައިވަނީ، ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ނެގި ސާމްޕަލްއިންނެވެ. މި ކުއްޖާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށްވެސް މިނޫހަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މިލިޔުން ކިޔާލުމުން
121125
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ