މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ދެގެއަކުން 37 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދެ ގެއެއް ބަލައި ފާސްކޮށް، 37 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އެ 37 މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އޭގެ ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދެ ގެއެއް ބަލައި ފާސްކުރުމަށްފަހު ކަމަށެވެ.

ފުލުހުން ވިދާޅުވީ ފާސްކޮށް، މަސްތުވާތަކެތި އަތުލައިގަނެ ގިނަ ބަޔަކު ހައްޔަރު ކުރީ ގ.ޕެލިކަން އަދި ގ.މެމޮރީ އިން ކަމަށެވެ. އެ ދެ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 81 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ގ. ޕެލިކަން އިން 19 އަހަރާއި 42 އަހަރާ ދެމެދުގެ 11 ދިވެހި ފިރިހެނަކާއި 21 އަހަރުގެ ދިވެހި އަންހެނަކު އަދި 17 އަހަރުގެ ދެ ފިރިހެން ކުދިން ހައްޔަރުކޮށްފައިވާ ކަމަށާއި ގ. މެމޮރީ ވިލާ އިން 19 އަހަރާއި 42 އަހަރާ ދެމެދުގެ 24 ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ މައްސަލައިގައި ހިމެނޭ ކުޑަ ދެ ކުދިން ފިޔަވައި އެހެން މީހުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ތިން ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި އެ މައްސަލައިގައި ހިމެނޭ ދެ ކުދިން ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ފުލުހުން ބަލައި ފާސްކުރި ދެ ގެއަކީ ވެސް ފުލުހުންނަށް ނުވަދެވޭނެ ގޮތަށް އިލެކްޓްރިކް އަދި މެކޭނިކަލް ލޮކް ސިސްޓަމް ހަރުކޮށްފައިވާ ދެ ގެ ކަމަށާއި އެ ދެ ގޭގައި ވެސް މަސްތުވާތަކެތި ގަނެގެން އޭގެ ބޭނުން އެ ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައި ހުންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް