މާވެޔޮ މިސްކިތުން މިއަދު ވެއްޓުނު ބިއްލޫރިގަނޑު

ވައިގަދަވެ އުސް އިމާރާތްތަކުން އެއްޗެހި ވެއްޓޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

މޫސުން ގޯސްވެ މާލޭގެ އުސް އިމާރާތްތަކުން އެއްޗެހި ވެއްޓޭތީވެ، ރައްކާތެރި ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސް ކުރައްވައިފިއެވެ.

ފުލުހުން މިރޭ ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައިގައި އުސް އިމާރާތްތަކުން އެއްވެހި ވެއްޓި "ނުރައްކާތެރި ހާދިސާތަކެއް" ހިނގާފައިވާ ކަމަށެވެ.

"ވީމަ، ހުރިހާ ބޭފުޅުންވެސް ކުޑަދޮރުތައް ލައްޕަވައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް މި ސަރވިސް އިން އިލްތިމާސްކުރަން." ފުލުހުން ވިދާޅުވިއެވެ.

ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރެއްވިއިރު، ދެ އިމާރާތަކުން ބިއްލޫރިގަނޑެއް ވެއްޓި ތިން މީހަކަށް މިއަދު ވަނީ އަނިޔާވެފައެވެ. މީގެ ތެރެއިން އެއް ބިއްލޫރިގަނޑު ވެއްޓުނީ މާވެޔޮ މަގުގައި ހަދަމުން އަންނަ މިސްކިތުންނެވެ. ދެން ބިއްލޫރިގަނޑެއް ވެއްޓުނީ މާލެ ގްރޭންޑުގެ ހަތަރު ވަނަ ބުރިންނެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވިދާޅުވީ، ރާއްޖެގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯ ކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅނގުއުތުރުން ގަޑިއަކު 05 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

"މެދުތަރޭ އަތޮޅު ތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ، އެހެން ހިސާބުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ." މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ