އާ ސީޕްލޭން ޓާމިނަލްގެ ކުރެހުމެއް - ފޮޓޯ: އެމްއޭސީއެލް

އާ ސީޕްލޭން ޓާމިނަލް: އެމްއޭސީއެލްއިން އަނެއްކާވެސް ބޮޑު އޮޅުވާލުމެއް!

ދިވެހިރާއްޖޭގެ މައި ވައިގެ ދޮރާށި، އަދި ޤައުމުގެ އިޤްތިޞާދުގެ މުހިންމު ދައުރެއް އަދާކުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާސީޕްލޭން ޓާމިނަލަކީ ތަނުގެ ނަލަކަމާއި ފުރިހަމަކުމުގެ ވާހަކައާއި އެއްވަރަށް އެތަން ކުއްޔަށް ދިނުމުގައި "ގޯސްތަކެއް" ހަދަމުންދާތީ ނަން މަޝްހޫރުވެފައިވާ ނުހަނު މުހިންމު ބިނާއެކެވެ. މިފަހަރުވެސް މިވަނީ "ބޮޑު އޮޅުވާލުމަކާ" ދިމާއަށް މިސްރާބު ޖަހާފައެވެ.

އާ ސީޕްލޭން ޓާމިނަލް އެއްކޮށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދޭން އުޅޭކަމުގެ އަޑުތަކާއެކު ޤައުމަށް ހެޔޮއެދޭ ދިވެހީން ނުރުހުން ފާޅުކުރަންފެށިއެވެ. އެއާއެކު ވޭތުވެދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ވަލިއްޔުލްއަމްރު އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އާސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދޭން އަދުގެ ސަރުކާރުން ނިންމާފައި ނުވާނެ ކަމަށެވެ. ދެން އެކަމުގެ ތުހުމަތު އަމާޒުވީ ކުރީ ސަރުކާރަށެވެ. ކުރީ ސަރުކާރުގެ ވެރިން ޕްރެސްކޮންފަރެންސް ބާއްވާ ވިދާޅުވީ، އެ ސަރުކާރުންވެސް އެފަދަ ނިންމުމެއް ނިންމާފައި ނުވާނެ ކަމަށެވެ.

މައްސަލަ ހޫނުވެ، އެންޓި ކޮރަޕްޝަން ކޮމިޝަންވެސް މައްސަލައިގެ ތެރެއަށް ވަދެ އެންގެވީ، އެމްއޭސީއެލްއިން މިހާރުވެސް ވެލާނާ އެއާޕޯޓްގައި ބޭނުންކުރަމުންދާ ސްޕޭސްއާ އެއްވަރުގެ ސަރަހަައްދެއް (6400 އަކަމީޓަރު) ދެ އަހަރު ދުވަހުގެ މުއްދަތަށް އަކަމީޓަރަކަށް 10.35 ޑޮލަރަށް ޓީއެމްއޭއަށް ދިނުމަށާއި، 28000 އަކަމީޓަރު ޖާގައިގެ ތެރެއިން ބާކީ ޖާގަ ބީލަމުގައި ކުއްޔަށް ދޫކުރުމަށެވެ. މައްސަލަ އޭރު ފިނިވެފައިވަނީ މިހާހިސާބުންނެވެ. ދިވެހީން އުއްމީދުކުރީ ދެން ފެނިގެންދާނީ އިންސާފުވެރި ނިންމުންތަކެއް ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލްގެ ކުރެހުމެއް - ފޮޓޯ: އެމްއޭސީއެލް

މިހިނގާ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލްއިން) ވަނީ މިވަނީ އޭސީސީގެ އެންގުމާ އެއްގޮތަށް އާ ސީޕްލޭން ޓާމިނަލުގެ ބާކީ ޖާގަތަކަށް ބިޑް ކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މި އިއުލާނުގެ މުއްދަތު މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު، މިދެންނެވި ޖާގަތަކަށް 38 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. މި ފަރާތްތަކަށް އަންނަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ބިޑް ހުށަހަޅަން ވަނީ ފުރުޞަތު ދީފައެވެ.

ބިޑަށް ހުޅުވާލުމުގައި ބޮޑެތި ތަފާތުކުރުން:

އާ ސީޕްލޭން ޓާމިނަލްގައި ލައުންޖުތައް ހިންގުމަށް 6400 އަކަމީޓަރު ޓީއެމްއޭއަށް ދޭން ނިންމާފައިވަނީ 10.35 ޑޮލަރަށް ނަމަވެސް، ހަމަ އެތަނުގެ ބާކީ ޖާގައަށް  ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދީފައިވަނީ، ޓީއެމްއޭއަށް ދިން އަގަށްވުރެ 7 ގުނަ ބޮޑުކޮށް އަކަމީޓަރެއް 70 ޑޮލަރުގެ ރޭޓުންނެވެ. މިފަދަ ބޮޑު ތަފާތުކުރުމެއް ގެންގުޅެފައިވަނީ ކޮން މަޤްޞަދެއް ހާސިލުކުރުމަށްތޯ ސާފުކުރުމަށް އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފަށް ގުޅުމުން ވިދާޅުވީ މެސެޖު ކުރެއްވުމަށެވެ. ޓެކްސްޓް މެސެޖުން ސުވާލުކުރުމުން މިހާތަނަށް ވަކި ޖަވާބެއް ދެއްވާފައެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ރާއްޖޭގެ ބައެއް މީޑިއާތަކުން ކުރި ސުވާލުތަކަށްވެސް އޭނާ ޖަވާބު ދެއްވާފައި ނުވެއެވެ.

އާ ސީޕްލޭން ޓާމިނަލްގެ ކުރެހުމެއް - ފޮޓޯ: އެމްއޭސީއެލް

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރުވާ ބައެއް ނަން މަޝްހޫރު ކުންފުނިތަކުންވަނީ މިކަމުގައި އެމްއޭސީއެލްއިން އަމަލުކޮށްފައިވާގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް "ފެށުން" އާ ވާހަކަދެއްކި ބެފުޅަކު ވިދާޅުވީ މިއީ "އަމާބުނީތީ ފަރަށްދާ އުޞޫލުން" އޭސީސީން ބިޑް ކުރަން އެންގުމުން ކޮށްފައިވާ ކަމެއް ކަމަށާއި، މިއީވެސް ބޮޑު އޮޅުވާލުމެއް ކަމަށެވެ. މިނޫހާ ވާހަކަދެއްކި ބައެއް އިތުރު ފަރާތްތަކުން ވިދާޅުވީ، މިކަމުގެ ސަބަބުން ވަކި ކުންފުންޏަކަށް މަންފާ ހޯދައިނުމަށް "ބޮޑުތަނުން" މަގުފަހިވާ ކަމަށާއި، މިއީ އެމްއޭސީއެލްއިން އަނެއްކާވެސް ހެދި "ބޮޑު ގޯހެއް" ކަމަށެވެ.

ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ވަކި ބަޔަކަށް:

ހަތްގުނަ ބޮޑު އަގެއްގައި ބީލަން ހުޅުވާލުމުގެ އިތުރުން ބިޑް ޑޮކިއުމަންޓަށް ބަލާއިރު ފާހަގަވާ އިތުރު "ގޯހެއް"ވެސް އެބައޮތްމެއެވެ. އާ ސީޕްލޭން ޓާމިނަލުގެ ލައުންޖުތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ރެޖިސްޓަރޑް ސީޕްލޭން އޮޕަރޭޓާރސްއާއި، ޓުއަރ އޮޕަރޭޓަރުންގެ އިތުރުން ރިސޯޓްތަކަށް އެކަންޏެވެ. ދާއިރާގައި ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ކަމުގެ ތަޖުރިބާކާރު ބޭފުޅަކު، ނަން ނުޖެހުމަށް ޝަރުތުކޮށް މިނޫހަށް ވިދާޅުވީ، ބީލަމުގައި ފާހަކޮށްފައިވާގޮތަށް "ރެޖިސްޓަރޑް ސީޕްލޭން އޮޕަރޭޓާރސް" ރާއްޖޭގައި ޤާނޫނީގޮތުން ނުތިބޭނެ ކަމަށާއި، އޭގެ ބަދަލުގައި ރާއްޖޭގައި ތިބޭނީ އެއަރ އޮޕަރޭޓާރސް ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލްގެ ކުރެހުމެއް - ފޮޓޯ: އެމްއޭސީއެލް

ޓުއަރ އޮޕަރޭޓަރުންނަކީ ފާހަގަކޮށްފައިވާފަދަ ބޮޑު އަގެއްގައި ކުއްޔަށް ނަގައިގެން ލައުންޖު ހިންގުމުގެ ޤާބިލުކަން ލިބިފައިވާ ބައެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއްވިއިރު، ޓީއެމްއޭއަށް ކުޑަ އަގެއްގައި ކުއްޔަށްދިން ލައުންޖުތައް، 70 ޑޮަލަށް ކުއްޔަށް ނަގަން ރިސޯޓްތަކުންވެސް ބޭނުން ނުވާނެކަންވެސް ފާހަގަކުރެއްވިއެވެ. އެފަރާތްތަކުން ވިދާޅުވީ، ޓީއެމްއޭއިން 100 އިންސައްތަ ފައިދާ ލާފައި އަކަމީޓަރެއް 20 ޑޮލަރަށް ލައުންޖުތައް ކުއްޔަށް ދިނަސް، 70 ޑޮލަރަށް ބީލަމުގައި ނެގުމުގެ އެއްވެސްް ބޭނުމެއް ނޯންނާނެ ކަމަށެވެ.

ވަކި ބަޔަކަށް އެކަނި ސީޕްލޭން ޓާމިނަލްގައި ލައުންޖުތައް ހިންގުމުގެ ފުރުޞަތު ފަހިވާގޮތަށް ބީލަން ހުޅުވާލިއިރު، ރާއްޖޭގައި މަތީ ފެންވަރުގައި ކެފޭ/ރެސްޓޯރެންޓްގެ ޚިދުމަތް ފޯރުކޮށްދެމުންދާ ދިވެހި ވިޔަފާރިވެރިންނާއި، ސެލޫންތަކާއި ސްޕާތައް ހިންގާ ދިވެހި ވިޔަފާރިވެރިންނަށް ވެލާނާ އެއާޕޯޓްގައި ފެންވަރު ރަނގަޅު ލައުންޖެއް ހިންގުމުގެ ފުރުޞަތު ދިނުމުގެ އެއްވެސް ވިސްނުމެއް އެމްއޭސީއެލްގައި ނެތީބާއެވެ! މިފަދަ ފަރާތްތަކަށް ފުރުޞަތު ދެއްވިނަމަ ލައުންޖްތަކަށް ބީލަން ހުށަހަޅާނެ ކުޅަދާނަ ދިވެހި ވިޔަފާރިވެރިން ތިބޭނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރައްވައެވެ.

މިވެސް ބޮޑެތި ވައްކަން:

ރާއްޖޭގެ ވެރިރަށް މާލޭގެ ބިމުކުއްޔަކީ އަގުބޮޑު އެއްޗެއްކަން އެންމެންވެސް ދަނެއެވެ. ހަމަ މިބީދައިން ވެލާނާ އެއާޕޯޓުގެ ބިމަކީ މާލެއަށްވުރެވެސް އަގު ބޮޑު ބިމެއްކަން މިހާރު ހިންގަމުންދާ ލައުންޖްތަކުން އެކަނިވެސް ހާމަވެއެވެ. މިހާރު ހިންގަމުންދާ ޓާމިނަލްގެ ބައެއް ލައުންޖްތައް ކުއްޔަށް ދީފައިވަނީ އަކަމީޓަކަށް 70 ޑޮލަރު، 120 ޑޮލަރު އަދި 240 ޑޮލަރު ފަދަ ބޮޑެތި އަގުތަކުގައެވެ. މާލޭގެ ބިމުކުލި އެވްރެޖްގޮތެއްގައި އަކަފޫޓަކަށް 25ރ ގައި އުޅޭއިރު، ޓީއެމްއޭއަށް އާ ސީޕްލޭން ޓާމިނަލުން ޖާގަ ދޭން ނިންމާފައި މިވަނީ އަކަފޫޓަކަށް 14ރ ގެ ރޭޓުންނެވެ.

އެންމެ އާދައިގެ ނިކަމެތި ރައްޔިތުމީހާއަށްވެސް އަތްފޯރާ އަގުގައި އެންމެ އަގުބޮޑު ބިމުގައި، ދައުލަތުގެ ޚަރަދުގައި 55 މިލިއަން ޑޮލަރަށް އަޅާ ފުރިހަމައަށް ނިންމާފައިވާ އާ ސީޕްލޭން ޓާމިނަލުގެ ޖާގަ ކުއްޔަށް ދޭއިރު، ދިވެހި ވިޔަފާރިވެެރިންނަށް ޑޮލަރުން އާމްދަނީ ލިބޭން ފުރުޞަތު ފަހިވެފައި ނެތްމެއެވެ. ރައްޔިތުމީހާއަށް ސީދާ ޑޮލަރުން އާމްދަނީ ހޯދަން ފަހިވި ފުރުޞަތުވެސް މިދަނީ ބީވަމުންނެވެ. ދާއިރާގެ އެކި ފަރާތްތަކުގެ މެދުގައި އިންސާފާ ހަމަހަމަކަން ގެންގުޅުމުގައިވެސް އެމްއޭސީއެލް މިވަނީ "ބޮޑުތަނުން ފެއިލްވެފައި" ކަމަށް އެތައް ބަޔަކު މިއަދު މިވަނީ ބުނާން ފަށާފައެވެ.

އާ ސީޕްލޭން ޓާމިނަލްގެ ކުރެހުމެއް - ފޮޓޯ: އެމްއޭސީއެލް

ދައުލަތުގެ ޚަރަދުގައި ފުރިހަމައަށް ނިންމާފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ސީޕްލޭން ޓާމިނަލުން ޖާގަ ހައްޤު އެތައް ބަޔަކަށް ފުރުޞަތު ގެއްލޭގޮތަށް ބީލަން ކުރިއަށް ގެންގޮސް، ބޮޑެތި ތަފާތުކުރުންތަކާހެދި ބީލަން ހުށަހަޅާނެ ފަރާތްތައް މެދުވެ، ދައުލަތަށް ލިބެންޖެހޭ ބޮޑު އާމްދަނީއެއް އެތައް ދުވަހަކަށް ނުލިބި އޮންނާންޖެހުމާއި، ވަކި ބަޔަކަށް ބޮޑު މަންފާއެއް ފަހިވާގޮތަށް ކަންތައްތަކެއް ތަރުތީބުކުރަމުން ދިއުމަކީ "ބޮޑު އޮޅުވާލުމަކަށް" ނޫނީ ނުވާނެއެވެ.

މިލިޔުން ކިޔާލުމުން
6
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Buhlhabe

    Amilla staffunah haraan koaruvaa baeh adhi
    ehn bayakah balaanetha
    Dhey dollar kolhu athulee midhiya aharuge bonus kolhuvs neyge vee thaneh mathi elhuv corona

    2
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ