ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދް - ފޮޓޯ: ރައީސް އޮފީސް

ޒިޔާދުގެ މައްޗަށް ކުރާ ދައުވާ އަނބުރާ ގެނައުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި

ކުރީގެ އިސްލާމިކް މިނިސްޓަރ ޒިޔާދުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާ މައްސަލައަކީ އެއްވެސް އަސާސެއް އަސްލެއް ނެތް ދައުވާއެއް ކަމަށާއި އަދި އެދައުވާ އަނބުރާ ގެނައުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އަށް ނިސްބަތްވާ ޕީ.ޕީ.އެމް. ގެ ކައުންސިލް މެންބަރު އަދި ކުރީގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ބާޤިރުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް ދައުވާ ކުރުމަށް ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ މައްސަލައަކީ އެއްވެސް އަސާސެއް އަދި އަސްލެއް ނެތް ކަމެއްގައި، އުފަން ކުރުވާފައިވާ މައްސަލައެއް ކަމަށެވެ.

ހުރިހާ ގޮތަކުންވެސް ސަރުކާރު ފެއިލްވެ، ހެދޭ ނުހެދޭ ނޭނގޭ ހިސާބަށް ކަންކަން ގޮސް، ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވާން ފެށުމުން، ރައްޔިތުންނަށް ކަންކަން އޮޅުވާލާ، މަތި ޖެހުމަށްޓަކައި ރައީސް ޔާމީން ނުވަތަ އެމަނިކުފާނުގެ ވެރިކަމުގައި އިސް މަޤާމެއް އަދާ ކުރައްވާފައިވާ ކޮންމެވެސް ބޭފުޅަކާއި ގުޅުވައިގެން މައްސަލައެއް އުފައްދާ ދައުވާ ކުރުމަށް ފޮނުވުމަކީ މި ސަރުކާރުން ކުޅެމުން އަންނަ ސިޔާސީ ޑްރާމާއެއްކަން ރައްޔިތުން މިއަދު ޤަބޫލުކުރާ ކަމަށާއި ޒިޔާދުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާ މައްސަލައަކީވެސް އެފަދަ ޑްރާމާ ސިލްސިލާއެއްގެ ބޮޅެއްކަން ރައްޔިތުންނަށް އެނގޭ ކަމަށް ވިދާޅުވިއެވެ.

"މިކަމަކީ، ކޮޗިން ފެރީއާއި، އިންޑިއާގެ ސިފައިން ރާއްޖޭގެ ސަރަޙައްދުތަކުގައި ޤާއިމުވެ ތިބޭ މައްސަލައިގައި ރައްޔިތުންގެ ނުރުހުން ސަރުކާރަށް ޢަމާޒުވެ އަދި ކޯވިޑް މެނޭޖް ނުކުރެވިގެން ޤައުމަށް ކުރިމަތިވަމުން އަންނަ އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތެއް ނޭނގުމާއި، ސަރުކާރުގެ ތެރެއިން ކުރަމުން ގެންދާ ވައްކަމާއި ހިންގަމުން ގެންދާ ކޮރަޕްޝަންގެ އަމަލުތަކުގެ ވާހަކަތަކުގެ އަޑު ގަދަވެ، ރައްޔިތުންގެ ނުރުހުން ސަރުކާރާއި މެދު އިންތިހާއަށް ބޮޑުވެ އެވާހަކަތައް ރައްޔިތުން ދައްކަމުން ގެންދާތީ، ރައްޔިތުންގެ ފޯކަސް އަނބުރާލުމަށް ކުރަމުން ގެންދާ ކަންތައްގަނޑެއްކަން ރައްޔިތުންނަށް މިއަދު އެނގޭ." އިދިކޮޅު ކޯލިޝަނުން ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ލީޑް ކުރަން ތިއްބެވި ބޭފުޅުންގެ ތެރެއިން ފަހަރަކު ބޭފުޅެއްގެ މައްޗަށް ދައުވާކޮށް ޖަލަށްލާ ހައްޔަރުކުރިނަމަވެސް، މިކޯލިޝަނުން ރައްޔިތުންގެ ޙައްޤުގައި ކުރަމުން ގެންދާ މަސައްކަތްތައް އެންމެ ފިޔަވަޅެއްވެސް ފަހަތައް ޖެއްސޭނެ ކަމަށް ސަރުކާރަށް ހީވާނަމަ އެއީ ކުށް ހީއެއްކަމަށާއި ކޯލިޝަން ލީޑް ކުރަން ހައްޔަރުކުރިނަމަވެސް، މިކޯލިޝަން ލީޑް ކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ އެތައް ހާސް ރައްޔިތުންނެއް މިކޯލިޝަންގައި ތިބިކަން ސަރުކާރަށް ހަނދާންކޮށްދޭ ކަމަށް އިދިކޮޅު ކޯލިޝަނުން ވިދާޅުވިއެވެ.

އަދި ނުޙައްޤުން ޑރ. ޒިޔާދާއި އަދި އެހެނިހެން ފަރާތްތަކަށް ކުރުމަށް ހުށަހަޅާފައިވާ މައްސަލަތަކާއި ވަކި ފަރާތްތަކަށް އަމާޒުކޮށް ކުރަމުންދާ ސިޔާސީ ދައުވާތައް އަނބުރާ ގެނެސް ރައްޔިތުންނަށް ޚިދުމަތެއް ކުރެވޭތޯ މަސައްކަތް ކުރުމަށާއި އިންސާފުގެ ނަމުގައި އަނިޔާވެރިވުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވިދާޅުވިއެވެ.

ޒިޔާދުގެ މައްޗަށް ކުރާ ދައުވާ އަނބުރާ ގެނައުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލާފައިވާއިރު، އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން އާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ނިންމައި، އެ މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިރުގެ މައްޗަށް ޕީޖީއިންވަނީ ދަޢުވާ އުފުލާފައެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ބ. އޭދަފުށި، ހަލަވެލި، ޑޮކްޓަރު އަޙްމަދު ޒިޔާދު މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒްގެ މަޤާމުގައި ހުރިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް އޭ ކޮންސްޓްރަކްޝަންއިން ހުށަހެޅި ޕްރޮޕޯސަލްއާ ޚިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ޤާއިމުކޮށްފައިވާ ކަމަށެވެ.

ޑޮކްޓަރ އަޙްމަދު ޒިޔާދުގެ މައްޗަށް ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ޕީޖީންވަނީ ހުށަހަޅާފައިވަނީ މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަންއަށް ޢީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސް ޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާތީއެވެ. މި ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ