އީރާނުގެ ވެރިކަން ވައްޓާލަން ނޫޅޭ ކަމަށާއި މަސައްކަތް ކުރަނީ އީރާނަކީ ނިއުކުލިއަރ ހަތިޔާރު ނެއް ގައުމަކަށް ހެއްދެވުމަށްޓަކައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ވިދާޅު ވެއްޖެއެވެ.
ޓުރަމްޕް މިހެން ވިދާޅުވީ، ޖަޕާނަށް ކުރައްވާ ދަތުރުފުޅެއްގައި އެގައުމުގެ ބޮޑުވަޒީރު ޝިންޒޫ އަބޭއާ މަޝްވަރާކުރެއްވުމަށްފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޓުރަމްޕް ވިދާޅުވީ، އެމެރިކާއިން އީރާނާ ހަނގުރާމަކުރަންވެސް އަދި ވެރިކަން ވައްޓާލަންވެސް ބޭނުންނުވާކަމަށެވެ. އެމެރިކާ ބޭނުންވަނީ އީރާނުގެ ސިޔާސަތުތަކަށް ބައެއް ބަދަލުތައް ގެނަސް މިހާރު އޮތް ނިއުކްލިޔާ އެއްބަސްވުމުގެ ބަދަލުގައި އެމެރިކާ އެދޭފަދަ ނިއުކްލިޔާ އައު އެއްބަސްވުމެއްގައި އީރާނާއެކު ސޮއިކުރުން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އައު އެއްބަސްވުމެއް އެކުލަވާލުމަށް އީރާނުން ބޭނުންވާނެ ކަމަށް، އަދި މިކަން ވެގެންދާނީ އީރާން ލީޑަރުންގެ ވަރަށް ވިސްނުންތެރި ނިންމެވުމަކަށް" ޓުރަމްޕް ވިދާޅުވެފައި ވެއެވެ.
ޓުރަމްޕް ޖަޕާނު ދަތުރުފުޅުގައި މިމޭރުމުން ވާހަކަ ދައްކައިފައި ވާއިރު، ޖަޕާނަކީ އީރާނާ ވަރަށް ގާތް ގުޅުންތަކެއް ބާއްވައި އަދި އީރާން ވަރަށް އިތުބާރުކުރާ ގައުމެކެވެ.