ފިތުރު ޒަކާތުގެ ގޮތުގައި މި ރަމަޟާންމަހުގެ ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކުރެއްވި ގޮތުގައި، މި ރަމަޟާން މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 3،313،598ރ (ތިން މިލިއަން ތިންލައްކަ ތޭރަހާސް ފަސްސަތޭކަ ނުވަދިހަ އަށްރުފިޔާ) ލިބިފައިވާ ކަމަށެވެ.
ވޭތުވެދިޔަ އަހަރުގެ ރަމަޟާން މަހުގެ މި މުއްދަތުގައި ލިބިފައިވަނީ 2،920،808ރ (ދެމިލިއަން ނުވަލައްކަ ވިހިހާސް އަށްސަތޭކަ އަށްރުފިޔާ) ކަމަށާއި، އެހެންކަމުން މިއީ 13 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
1 Ramadan in 22 Ramadan ge niyalah Fitr zakath ge gothugai libunu faisaage thafaas hisaabu (1440/1439)#MVIaffairs #Ramadan #Roadha40 #Zakaiy pic.twitter.com/CbDMOhNMhg
— Ministry of Islamic Affairs (@MVIaffairs) May 28, 2019
މި އަހަރު ފިޠުރު ޒަކާތް ބަލައިގަންނަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން ފެށިގެން މެންދުރުފަހު 1:00 އަށެވެ. މާލޭގައި ޒަކާތް ބަލައިގަންނާނީ އިސްލާމީ މަރުކަޒުގައި ޤާއިމުކޮށްފައި ހުންނަ ކައުންޓަރުންތަކުންނެވެ.
ވިލިމާލޭގައި ޒަކާތް ބަލައިގަންނަނީ ވިލިމާލޭގައި ހުންނަ ސިޓީ ކައުންސިލްގެ ޔުނިޓުންނެވެ. ހުޅުމާލޭގައި ނަމަ ޒަކާތް ބަލައިގަންނާނީ ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުންނެވެ. ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ.
މާލެ ސަރަޙައްދުގައި، ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު
- އާދައިގެ ހަނޑުލުންނަމަ 15 ރުފިޔާ
- ތައިލެންޑް ހުދު ހަނޑުލުންނަމަ 45 ރުފިޔާ
- ބާސްމަތީ ހަނޑުލުންނަމަ 95 ރުފިޔާ
- ރަތް ހަނޑުލުންނަމަ 75 ރުފިޔާ
- އާދައިގެ ފުށުންނަމަ 15 ރުފިޔާ
- އާޓާ ފުށުންނަމަ 60 ރުފިޔާ
އަތޮޅުތަކުގެ ރަށްރަށުގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު
- ޢާއްމުކޮށް ކާން ބޭނުންކުރި ގޮވާމުގެ ބާވަތްތަކުން 2.4ކިލޯ އަށް ވާ އަގު
ފިޠްރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠްރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރުއެވެ.
މުސްލިމުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނާއި ބޮޑެތިމީހުންނާއި މިނިވަނުންނާއި އަޅުންނާއި ފަޤީރުންނާއި މުއްސަނދިންގެމައްޗަށްވެސް ފިޠްރުޒަކާތް ވާޖިބުވެގެންވެއެވެ.
އެހެންނަމަވެސް ފިޠުރު ޒަކާތް ވާޖިބުވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠަކެއްވެއެވެ. އެއީ ޢީދުދުވަހާއި އެރޭ އޭނާއާއި އޭނާގެ ބަލަދުވެރިކަމުގެ ދަށުގައިވާ މީހުންގެ ކެއުމާއި އެހެނިގެން އަސާސީ ބޭނުންތައްފުއްދޭނެ މިންވަރުގެ ފައިސާ ނުވަތަ ތަނަވަސްކަން ހުރުމެވެ.
ރަމްޟާންމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.




