ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު | ފޮޓޯ: ރައީސް އޮފީސް

ބޭރު ފައިސާ ގަނެ ވިއްކާ އުސޫލަށް ބަދަލުތަކެއް ގެންނަނީ

ބޭރު ފައިސާ ގަނެ ވިއްކާ އުސޫލަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރައްވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އަމީރު މިހެން ވިދާޅުވެފައި ވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށް ޑޮލަރުގެ އަގު އުފުލިފައިވާ ދަންޑިވަޅެއްގައެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، ރާއްޖެއަށް ޑޮލަރު އެންމެ ބޭނުންވަނީ މުދާ އިމްޕޯޓް ކުރުމަށް ކަމަށާއި އިމްޕޯޓަށް ޑޮލަރުން ކުރާ ޙަރަދުވެސް ވަނީ 50 އިންސައްތަ ދަށްވެފައި ކަމަށެވެ. އަދި އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކޮށްފައިވާ ކަމަށާއި މިހާރު އުޅެނީ އެކްސްޗޭންޖު ރޭޓު މާކެޓް ހިންގުމުގެ މައްސަލަތަކެއް ކަމަށް ވިދާޅުވިއެވެ.

"މައްސަލަތައް ހައްލުކުރުމަށްޓަކައި މިހާރު އެމްއެމްއޭއާއި ސެންޓުރަލް ބޭންކާއި، އަދި އިޤްތިސާދީ މިނިސްޓްރީތަކާއި އެއްކޮށް ވާހަކަތަކެއް ދައްކަމުން އެބަގެންދަން، ލީގަލް ފްރޭމްވޯކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެންވެސް އެބަޖެހޭ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެކްސްޗޭންޖުރޭޓު މާރުކޭޓު ހިނގާގޮތަށް ރާއްޖޭގައިވެސް އެކަންތައް ބަދަލުކުރުމަށްޓަކައި މަސައްކަތްތައް ކުރުން." އަމީރު ވިދާޅުވިއެވެ.

ކޮވިޑް-19 ރޯގާއާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑު ހީނަރުކަމެއް އައިސް، އަދި ރާއްޖޭގެ އިޤްތިޞާދަށް އެތެރެވާ ބޭރު ފައިސާގެ ބޮޑު އިންސައްތައަކީ ޓޫރިޒަމް ސިނާޢަތަށް ލިބޭ ޑޮލަރު އާމްދަނީ ކަމަށްވާއިރު، ކޮވިޑް-19 އާއި ގުޅިގެން، އިޤްތިޞާދަށް އެތެރެވާ ބޭރު ފައިސާގެ މިންވަރު ވަރަށް ބޮޑަށް ދަށްވެގެން ގޮސްފައި ވެއެވެ.

ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރަން ވަނީ ފަށާފައެވެ. އަދި ދުވަހަކަށް ވުރެ ދުވަހެއް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ