މިނިސްޓަރ ނަހުލާގެ މައްސަލަ އޭސީސީ އަށް!

ރާއްޖޭގައި ހިންގާ ޝިޕިން އެޖެންސީތައް ރެގިއުލޭޓް ކުރުމަށް ޓްރާންސްޕޯޓު އޮތޯރިޓީން ނެރުނު ޝިޕިން ހިދުމަތް ދިނުމާ ބެހޭ ގަވައިދު އުވާލީ ބޯޑުން ފާސް ކުރުމެއް ނެތި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ފައިދާ ހޯދުމަށް ކަމަށް ބެލެވޭތީ ކަމަށް ބުނެ، މިނިސްޓަރު އައިޝަތު ނަހުލާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

ރާއްޖޭގެ ވިޔަފާރީގެ 70 ކުންފުނީގެ އެންމެ އިސްވެރިންގެ ސޮޔާއެކު، މިނިސްޓަރު ނަހުލާގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭސީސީ އިން ވަނީ އެ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވާކަން ޔަގީން ކޮށްދީފިއެވެ.

ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އޭސީސީން ނުދެއެވެ.

ރާއްޖޭގައި ހިންގާ ޝިޕިން އެޖެންސީތައް ރެގިއުލޭޓް ކުރުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން މިދިޔަ ޖުލައި 16 ވަނަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ރާއްޖޭގެ ޝިޕިން ހިދުމަތް ދިނުމާ ބެހޭ ގަވައިދު ސެޕްޓެމްބަރު 16 ވަނަ ދުވަހު ވަނީ އުވާލައިފައެވެ.

އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ވަނީ ގަވައިދަށް އަމަލު ކުރަމުން ދިޔަ އިރު ވެސް ގަވައިދު ތަންފީޒު ކުރުމުގެ ގޮތުން މިނިސްޓްރީން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށާއި އަދި ގަވައިދު ތަންފީޒު ނުކުރެވޭ ކަމުގެ ޝަކުވާތައް ތަކުރާރުކޮށް މިނިސްޓްރީ އަށް ހުށަހަޅާފައިވާނެ ކަމަށް ބުނެފައެވެ.

ޓްރާންސްޕޯޓު އޮތޯރިޓީގެ ގާނޫނުގެ 14 ވަނަ މާއްދާގައި އެ ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމާއި ގަވައިދުތައް ހެދުމަކީ ޓްރާންސްޕޯޓު އޮތޯރިޓީގެ ބޯޑުގެ މަސްއޫލިއްޔަތެއް ނަމަވެސް ޓްރާންސްޕޯޓު އޮތޯރިޓީ ހިންގުމާއި އަދި އެ އޮތޯރިޓީ އިން ހަދަންޖެހޭ ގާނޫނުތަކާއި ގަވައިދުތައް ހެދުމާއި އެ ގާނޫނުތަކާއި ގަވައިދުތައް ބާތިލް ކުރުމަކީ އެ އޮތޯރިޓީގެ ބޯޑުން ކުރަން ޖެހޭ ކަމެއްކަމަށާއި އެއްވެސް ހާލަތެއްގައި ބޯޑުން ފާސްކުރުމެއް ނެތި އެއިރަކު މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެސިޓީގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ