ރާއްޖޭގެ ފުޓް ބޯޅަ ލީގްގެ މެޗްތައް އަތޮޅު ތެރޭގެ ރަށްރަށުގައި ކުޅޭ މަންޒަރު އިރާދަ ކުރެއްވިއްޔާ ފެންނާނެ ކަމުގައި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
މަޙްލޫފް މިހެން ވިދާޅުވެފައި މި ވަނީ މާފުއްޓާއި ގުރައިދޫގެ ބޯޅަ ދަނޑު ހަދާ، ޒޯން މެޗްތައް މި ދަނޑުތަކުގައި ކުޅުވުމުގެ ވިސްނުމުގައި މި ދެ ރަށުގެ ޒުވާނުން މަޖްލިސް އިންތިޚާބު 2019 ގައި އެދުނު އެދުން މިނިސްޓަރ މަޙްލޫފް ފުއްދަވަމުން ގެންދަވާކަމަށް އެމްޑީގެ ފަރާތުން އެދާއިރާއަށް ވާދަކުރެއްވި އާދިލް ސަލީމް ވިދާޅުވުމާއި ގުޅިގެންނެވެ.
އެގޮތުން އާދިލް ސަލީމް ވިދާޅުވެފައި ވަނީ މި މަސައްކަތުގައި އެމްޑީޕީ ޤައުމީ މަޖްލިސްގެ ސަޕޯޓް ވަރަށް ބޭނުންވާ ކަމަށާއި މިއީ އެމްޕީ ރިޒާ އަށް ކޮށްދެވޭ ކަމެއް ނޫން ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ ލީގް މެޗްތައް ތި ރަށްރަށުގައި ކުޅޭ މަންޒަރު ފެންނާނެ" 2019 މަޖިލިސް އިންތިޚާބުގައި ގުރައިދޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އާދިލް ސަލީމް ވިދާޅުވެފައިވެއެވެ.
އާދިލް ސަލީމްގެ ވާހަކަ ފުޅާއި ގުޅިގެން މިނިސްޓަރ މަޙްލޫފް ވިދާޅުވެފައި ވަނީ އެ ދުވަހު ދެއްކި ވާހަކަތައް މިއަދު ހަޤީޤަތަކަށް ވަމުންދާ މަންޒަރު ފެނުމުން އުފާވާކަމަށާއި، އިދާރަ ކުރެއްވިއްޔާ ލީގް މެޗްތައް އެ ރަށްރަށުގައި ކުޅޭ މަންޒަރު ފެންނާނެކަމަށެވެ.
މިނިސްޓަރު މިހެން ވިދާޅުވުމާއި ގުޅިގެން އާދިލް ސަލީމް ވަނީ މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެވެ.
ޔޫތް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާރފް ދަނޑުގެ ތެރެއިން 13 ރަށެއްގެ ދަނޑުގައި ޓާރފް އެޅުމަށް އިއްޔެ ވަނީ ވީއޭއެމްކޯއާއި ހަވާލުކޮށްފައެވެ. މި 13 ރަށުގެ ތެރޭގައި ކ. ގުރައިދޫއާއި ކ. މާފުށި ވެސް ވަނީ ހިމެނިފައެވެ.



