ހިތަށް އަނިިޔާވާ ކަންކަމާ ދުރުވާން އަޒުމް ކަނޑައަޅަން ޖެހޭ ކަމަށާއި އުފާވެރި ހަޔާތެއް ލިބުން ވަނީ ދުޅަހެޔޮ ހިތަކާއެކު ކަމަށް ވަގުތީގޮތުން ހެލްތު މިނިސްޓްރީގެ ހިންގެވުމާ ހަވާލުވެ ހުންނެވި ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި ފޮނުވާފައިވާ ވީޑިއޯ މެސެޖުގައެވެ.
ހެލްތު މިނިސްޓްރީން އާންމު ކުރި މި ވީޑިއޯ މެސެޖުގައި މިނިސްޓަރު އަސްލަމް ވަނީ މިފަދަ ދުވަހެއްގައި އެންމެންވެސް އަޒުމު ކަނޑައަޅަންވީ ހިތަށް އަނިޔާވާ އެންމެހައި ކަންކަމާ ދުރުހެލިވުމަށް ކަމަށް ވިިދާޅުވެފައެވެ.
އަސްލަމް ވިދާޅުވީ، ކޮވިޑް-19ގެ މި ހާލަތުގައި އެންމެން ވެސް ދަތިތަކާ ކުރިމަތިލަމުން އަންނަ އިރު މި ހާލަތުގައި ވެސް ދުޅަހެޔޮކޮށް ތިބެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
އެހެންކަމުން ސިއްހަތަށް ރަނގަޅު ކާނާ ކެއުމާއި ކަސްރަތުކުރުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް އަސްލަމްގެ މެސެޖުގައި ވަނީ ގޮވާލާފައެވެ.
ބައިނަލްއަގުވާމީ ހިތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހެވެ. މި އަހަރުގެ ހިތުގެ ދުވަހުގެ ޝިއާރަކީ ހިތް ބޭނުންކުރުމެވެ.



