މާލޭސިޓީ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފިއެވެ.
އޭސީސީން ވިދާޅުވީ، މާލޭ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްޤީކޮށްފައިވާ ޕާކް (އަޑި ޕާކް) ގެ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދަޢުވާކުރުމަށްޓަކައި މިއަދު (29 ސެޕްޓެންބަރު 2020) ގައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އޭސީސީން ވިދާޅުވީ މި މައްސަލައިގައި ޝިފާގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ދަޢުވާ ކަމަށެވެ.
ޝިފާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ޕާކު ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫޢުގައި ހިމެނޭ ޢިމާރާތްތައް (02 ފާޚާނާބަރިއާއި، 03 ހަޓާއި، 03 އެންޓްރަންސް ކެނޮޕީއާއި، ލައިފްގާޑް ޓަވަރެއް ރެނޮވޭޓްކުރުމާއި، 01 ގާޑަން ބްރިޖް ހަދައި އިންސްޓޯލްކުރުން) ގެ މަސައްކަތްތަކުގެ ތެރެއިން 02 ފާޚާނާބަރީގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަނާއި ހަވާލު ކޮށްފައި ވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުޞޫލަކުން ނޫންކަމަށް ވާތީކަމަށެވެ.
އެގޮތުން، ފުރަތަމަވެސް އެ ކުންފުނިން އެކަނި ކޯޓޭޝަން ހޯދައިގެން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (20 ފެބުރުވަރީ 2017) ގެ 10.25 ވަނަ މާއްދާގެ ދަށުން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައިގެން މަސައްކަތް ހަވާލުކުރުމަށް މަސައްކަތް ކޮށްފައިވާކަމާއި، އެ ހުއްދަ ނުދީ، ކައުންސިލްގެ އިދާރާގެ ބިޑް ކޮމިޓީގެ ހުއްދައަށް އެދުމަށް އެ މިނިސްޓްރީއިން އެންގުމުން، 03 ކޯޓޭޝަން ހަމަކޮށް ބިޑް ކޮމިޓީއަށް ހުށަހެޅިނަމަވެސް، އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމަކާ ނުލައި އެ މަސައްކަތް އަމިން ކޮންސްޓަރަކްޝަން އާ ހަވާލުކޮށްގެން ކުރުވާފައިވާކަމަށް އެސީސީން ވިދާޅުވިއެވެ.
އަދި ބިޑް ކޮމިޓީއިން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިނުވާކަން ފާހަގަކުރެވިފައިވާއިރު، ޢަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު (ގ.އެޓްނާ / ކ.މާލެ) އަށް ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔަރ ސިފާ މުޙައްމަދު ކަން މި ކޮމިޝަންގެ ތަޙުޤީޤަށް ވަނީ އެނގިފައި ކަމަށާއި އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެ މަސައްކަތް ހުއްޓުވާފައި ނުވާކަންމަށްވެސް އެސީސީން ވިދާޅުވިއެވެ.
މީގެއިތުރުން، ސްރީލަންކާގެ ކުންފުންޏަކުން މި 02 ފާޚާނާބަރީގެ މަސައްކަތް ކޮށްދޭ ފަރާތަކަށް ފައިސާ ދައްކާނެކަމަށް މާލޭ ސިޓީގެ މޭޔަރ ޝިފާއަށް އެޑްރެސްކޮށް މާލޭ ސިޓީ ކައުންސިލަށް 15 އޮކްޓޫބަރު 2019 ގައި ފޮނުވާފައިވާ ސިޓީގައި ބުނެފައިވާއިރު، ވަކި ކުންފުންޏަކާ މަސައްކަތް ހަވާލުކުރުމަށް އެ ކުންފުނިން އެދިފައިނުވާކަން ވެސް އޭސީސީން ވަނީ ފާހަގަ ކޮށްފައެވެ.
އަދި ހިލޭ އެހީ ހުށަހެޅިކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 9 ވަނަ ބާބުގައި ބަޔާންކުރާ އުޞޫލުތަކާ އެއްގޮތަށް މިނިސްޓްރީ އޮފް ފިނޭންސްއާއި، މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާއި، ބިޑް ކޮމިޓީގެ މެމްބަރުންނާއި، ކައުންސިލްގެ އިދާރާގެ ފައިނޭންސް ސެކްޝަނާ މޭޔަރ ސިފާ މުޙައްމަދު ހިއްސާކޮށްފައި ނުވާކަން ތަޙްޤީޤަށް ވަނީ އެނގިފައި ކަމަށާއި އަދި ކައުންސިލްގެ އިދާރާއިން ފިނޭންސް މިނިސްޓްރީއާ އެ މަޢުލޫމާތު ހިއްސާކުރީ މަސައްކަތް ނިމި ކައުންސިލްގެ އިދާރާއާ ތަން ހަވާލުކުރި ފަހުންކަން އެނގޭ ކަމަށް ވެސް އޭސީސީން ވިދާޅުވިއެވެ.
މީގެއިތުރުން، އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއްބަސްވުމެއްގެ ދަށުން ނޫންކަމަށްވާތީ މަސައްކަތުގެ ތަފްޞީލް އެނގެން ނެތްކަމާއި، ޖުމުލަ 03 މެމޯއަކުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި އެކި ދުވަސް މަތިން މޭޔަރ ސިފާ މުޙައްމަދު ބިޑް ކޮމިޓީގައި އެދިފައިވާއިރު، މަސައްކަތް ފެށިކަމަށް ބުނާ ތާރީޚްގެ ފަހުން ވެސް 02 ފާޚާނާބަރި ހިމެނޭގޮތަށް ޢިމާރާތްތަކުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި މޭޔަރ ސިފާ މުޙައްމަދު ބިޑް ކޮމިޓީއަށް 21 އޮކްޓޫބަރު 2019 ގައި މެމޯ ފޮނުވާފައިވާކަމާއި، އެ މެމޯ ފޮނުވިއިރުވެސް ޢަމަލީ ގޮތުން އެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އޭސީސީން ވިދާޅުވިއެވެ.
އެހެންކަމުން، ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން އަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާ މަސައްކަތް ހަވާލުކުރުމަށް މަސައްކަތްކޮށްފައިވާއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (20 ފެބުރުވަރީ 2017) ގެ 10.25 ވަނަ މާއްދާގައި ބަޔާންކުރާފަދަ ޙާލަތެއް ދިމާވެފައިވާކަމަށް ތަޙުޤީޤަށް ޤަބޫލުނުކުރެވޭތީއާއި، ފާޚާނާބަރި ފިޔަވައި ހަދަންހުރި ޢިމާރާތްތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2019 ވަނަ އަހަރުގެ ތެރޭގައި އިޢުލާނުކޮށްފައިވާތީ އެ އުޞޫލުން ކުރިންވެސް ހުރިހާ މަސައްކަތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްގެން ކުރިއަށްގެންދިއުމުގެ ފުރުސަތު އޮތްކަމާއި، ހުރިހާ ޢިމާރާތެއްގެ މަސައްކަތް ސިންގަލް ސޯސް ޕްރޮކިއުމަންޓް އުޞޫލުން އަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާ ހަވާލުކުރުމަށް ކައުންސިލްގެ އިދާރާއިން ފުރަތަމަ މަސައްކަތްކޮށްފައިވާކަމާއި، ނަމަވެސް މި މައްސަލައިގެ ތަޙުޤީޤު ފެށިފަހުން، ދެންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2019 ގެ ޑިސެންބަރު މަހުގެ ތެރޭގައި ކައުންސިލްގެ އިދާރާއިން އިޢުލާނުކޮށްފައިވާކަމާއި، ނަމަވެސް އެ މަސައްކަތްތައް އެއްވެސް ފަރާތަކާ ހަވާލުކޮށްފައިނުވާކަން ތަޙްޤީޤަށް ވަނީ އެނގިފައި ކަމަށް އޭސީސީން ވިދާޅުވިއެވެ.
ވުމާއެކު، ހާމަކަންބޮޑު ދެފުންފެންނަ އުޞޫލެއް ނެތި، އެއްބަސްވުމެއް އަދި ލިޔެކިޔުމެއް ނެތި، އަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާ މަސައްކަތް ހަވާލުކޮށް ކުރުވުމާއި، ހިލޭ އެހީގެ ހުށަހެޅުމެއް ލިބިފައި އޮއްވައި އެކަން ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާނުކޮށް، އެ ކުންފުނިން ޢަމަލީގޮތުން 02 ފާޚާނާބަރީގެ މަސައްކަތް ފެށިފަހުންވެސް ކައުންސިލްގެ އިދާރާގެ ބަޖެޓްގެ ތެރެއިން ބިޑް ކޮމިޓީ މެދުވެރިކޮށް މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު މަސައްކަތްކޮށްފައިވާކަމާއި، އޭނާ އެފަދައިން ޢަމަލުކޮށްފައިވަނީ އަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަން ތަޙުޤީޤަށް ލިބިފައިހުރި ހެކިތަކުން އެނގެން އޮތުމުން، މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު، ގ.އެޓްނާ / ކ.މާލެ ގެ މައްޗަށް ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ދަޢުވާކުރުމަށް ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް އެސީސީން ވިދާޅުވިއެވެ.




