އެމެރިކާގެ ރައްޔިތަކު އޭނާ ހިދުމަތް ހޯދި ހޮޓަލަކާއި ގުޅޭގޮތުން ލިޔުނު ރިވިއުއަކާއި ގުޅިގެން ތައިލެންޑުގައި ޖަލަށް ލައިފިއެވެ.
މިމައްސަލައިގައި ތައިލެންޑުގެ ޖަލެއްގައި ދެރޭ ހޭދަކޮށްފައިވާ މިމީހާއަކީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ވެސްލީ ބާނީޒްއެވެ. ކަފާލާތުގެ ދަށުން ބާނީޒް މިހާރު މިނިވަން ވެފައިވާއިރު ބާނީޒްގެ މައްޗަށް ތައިލެންޑްގެ ކޯ ޗަންގް އައިލެންޑްގައި ހިންގާ ސީ ވިއު ރިސޯޓުންވަނީ ދައުވާ ކޮށްފައެވެ.
ސީ ވިއު ރިސޯޓުން ބާނީޒްގެ މައްޗަށް ދައުވާކުރަނީ އެ ރިސޯޓްގެ ތަސައްވުރު ހަޑިވާ ގޮތަށް އެކި ވެބްސައިޓްތަކުގައި ރިވިއުތައް ލިޔެމުންދާތީ އާއި އަދި މި ރިވިއުތަކުގެ ސަބަބުން ރިސޯޓްގެ މޫނުމަތި ހަޑިވެ ރިސޯޓަށް ގެއްލުންތަކެއް ވަމުންދާތީ ކަމަށް ރިސޯޓުން ބުނެފައި ވެއެވެ.
ތައިލެންޑުގައި ވަޒީފާ އަދާކުރަމުން އަންނަ ބާނީޒް އާއި ސީ ވިއު ރިސޯޓާއި މެދު މައްސަލަ އުފެދުނު ކަމަށްވަނީ އެ ރިސޯޓުގެ ހޮޓަލެއްގެ ކެއުމަކަށް އޭނަގެ އަމިއްލަ ރާފުޅިއެއް ނުގެނެވުމުންނެވެ. މިމައްސަލައިގައި ބާނީޒް އަށް ސާވްކުރި ބައެއް ތަކެއްޗަށް ފައިސާ ދައްކަން އޭނާ ދެކޮޅު ހެދިކަމަށްވެސް ސީ ވިއު ރިސޯޓުން ބުނެފައި ވެއެވެ.
ސީ ވިއު ރިސޯޓާއި ބެހޭގޮތުން ބާނީޒް ބުނެފައި ވަނީ އެއީ ހިދުމަތް ރަނގަޅު ނޫން އަދި މި ޒަމާނުގެ އަޅުންގެ ގޮތުގައި މުވައްޒަފުން ގެންގުޅޭ ތަނެއް ކަމަށެވެ. އެހެންވެ ކޮރޯނާވައިރަހަށް ވުރެ ސީ ވިއު ނުރައްކާތެރި ކަމަށާއި ރައްކާތެރި ގޮތަކީ އެތަން އިހުތިޔާރުނުކުރުން ކަމަށެވެ.
ވިޔަފާރި ހަލާކުކޮށްލަން މަސައްކަތްކުރާ ކަމަށް ބުނެ ބާނީޒް ގެ މައްޗަށް ސީ ވިއު ރިސޯޓުން ކުރާ ދައުވާ ސާބިތުވެއްޖެނަމަ ދެއަހަރު ދުވަހުގެ ޖަލު ހުކުމެއް އައްނާނެއެވެ. ތައިލެންޑަކީ ދުނިޔޭގެ ގިނަ ފަތުރުވެރިންގެ މަގުބޫލުކަން ހޯދައިފައިވާ މަންޒިލެކެވެ.



