ޖަލަށް ވެއްދުން މަނާތަކެތި ޖަލަށް ވައްދަން މަސައްކަތްކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކ. މާފުށި ޕޮލިސް ސްޓޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާފުށި ޖަލަށް ވައްދަން އުޅުނު ގިނަ އަދަދެއްގެ ފޯނާއި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އެމީހާ ހައްޔަރު ކޮށްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެރޭ 00:45 އެހާކަންހާއިރު މާފުށި ޖަލު ކައިރިންކަމަށެވެ.
އެމީހާ ހުއްޓުވައި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ އަތުން 15 ސްމާޓް ފޯނާއި 6 ފޯނާއި ދެ މިނީ ފޯނެއްގެ އިތުރުން ޗާޖަރު ކޭބަލްތަކަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 43 ރަބަރު ކޮތަޅު ފެނިފަވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ.މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.
މި މައްސަލަ ކ.މާފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.




