މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި އަދި ށ. މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންތަކެއްގައި 21 އަހަރުގެ ދެމީހަކާއި 34 އަހަރުގެ މީހަކާއި 41 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި ހަތަރު މީހުންގެ ތެރެއިން 34 އަހަރުގެ މީހާއާއި 41 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ށ. ފުނަދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ ދަންވަރު 02:45 ހާއިރު ހިންގި އޮޕަރޭޝަންގައި އެރަށު މަގުމަތިންނެވެ.
"ފުނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި މިއޮޕަރޭޝަންގެ ތެރެއިން، މިދެމީހުންނަށް ފުލުހުން ފެނުމުން އުކައިލި އެއްޗެހިތަކެއް ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
21 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ށ. މިލަންދުއަށް ދަތުރުކުރަމުންދާ ލޯންޗަކުން މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުމުނު މަޢުލޫމާތަަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
"މެއި 27 ވަނަ ދުވަހުގެ 18:15 ހާއިރު މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި މިއޮޕަރޭޝަންގައި އެރަށު މަގުމަތިން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބިޑިއެއް ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މެއި 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 21 އަހަރުގެ މީހަކުވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ، އިހަވަންދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އެރަށު މަގުމަތިން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މިމީހާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި އޮތް ޝޭންޕޫ ފުޅިއެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 13 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.
މި ތިން މައްސަލަވެސް ފުލުހުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



