ދައުލަތުން އަދީބުގެ މައްޗަށްކުރާ 7 ދައުވާއަށް އިއުތިރާފްވާކަމަށް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވިދާޅުވެއްޖެއެވެ. އަދީބު މި 7 ދައުވާއަށް އިއުތިރާފްވެފައިވަނީ މިއަދުގެ ކުރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައެވެ.
އަދީބުގެ މައްޗަށް ކުރި ހަތް ދައުވާގެ ތެރޭގައި ހިމެނެނީ، މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަދީބް ވިދާޅުވީ އެމްއެމްޕީއާރުސީއިން ގެއްލުނު ފައިސާ ހޯދުމަށް އޭނާގެ ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށާއި ދައުލަތުން ކުރާ ހަތް ދައުވާއަށް އިތިރާފުވާކަމަށެވެ.
އަދި މި ޝަރީއަތުގައި އަަދީބު އިތުރަށް ވިދާޅުވީ ކުރެވުނު ކުށަށް ތައުބާވެފައި ވާކަމަށާއި އަދި އެކުށަށް ދިވެހި ރައްޔިތުންނާއި ދައުލަތުގެ ކިބައިން މާފަށްއެދޭކަމަށެވެ.




