ކޮވިޑް-19އިން ފިލާވަޅު ލިބިގަނެ، ތިމާވެއްޓަށް ކަމޭހިތުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދް ޞާލިހް ގޮވާލައްވައިފިއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުން ފިލާވަޅު ލިބިގަތުމަށާއި، ތިމާވެއްޓަށް ކަމޭހިތުމަށް އެމަނިކުފާނު ގޮވާލައްވާފައިވަނީ 30 ސެޕްޓެމްބަރުގައި ނިއުޔޯގްގައި ހުންނަ އ.ދ. ގެ މައި މަރިކަޒުގައި ވަރޗުއަލްކޮށް ބޭއްވެވި އ.ދ. ގެ ބަޔޯޑައިވަރސިޓީ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެން ފެށި ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އެކަންކަމަށް ސަމާލުކަން ނުދީފިނަމަ މިފަދަ އިތުރު ބިރުވެރި ބަލިމަޑުކަމަކާއި ދުނިޔެއިން ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ވަނީ ދެއްވާފައެވެ
މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި، ކޮންމެ އަހަރަކު 8 މިލިޔަން ޓަނުގެ ޕްލާސްޓިކު ކުނި ކަނޑުތަކުން ފެންނަމުންދާކަމުގައި ވިދާޅުވެ، ކަނޑުތައް ޕްލާސްޓިކުން ތަޤައްޔަރުވަމުން ދާތީ ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން 2023 ގެ ކުރިން ހުއްޓާލުމަށް ރާއްޖެއިން އަމާޒު ހިފާފައި ވަނީ ވެސް އަދި އެކުވެރި އެހެން ބައިވެރިންނާ ގުޅިގެން މެރިން ޕްލާސްޓިކް ޕޮލިއުޝަން ހުއްޓުވުމަށް ރާއްޖެއިން އިސްނަގައިގެން މަސައްކަތްކުރަނީ ވެސް މި ސަބަބާ ހުރެއެވެ.
އިންސާނުންގެ ޙަރަކާތްތަކުގެ މައްޗަށް ތިމާވެށީގެ ދުޅަހެޔޮކަން ނުހަނު ބޮޑަށް ބަރޯސާވެފައިވާ މި ދުވަސްވަރުގައި، ދުނިޔޭގެ ދުޅަހެޔޮކަމާއި ތިމާވެށީގެ ޞިއްޙަތު ބިނާވެފައި ވަނީ އިންސާނުންނަށް ލިބިފައިވާ ސައިންޓިފިކް ޢިލްމާއި ޓެކްޖޮލޮޖީގެ ބޭނުން ހިފާގޮތުގެ މައްޗަށްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
މި ސަމިޓުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތަލުތައް ކުޑަކުރުމަށާއި، ބޮޔޯޑައިވަރސިޓީ ދެމެހެއްޓުމުގައި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ރާއްޖެއިން މަސައްކަތްކުރާނެކަމަށާއި، މޫސުމީ ކަންކަމަށް ރާއްޖެއިން ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭ ކަމުގައި ވިދާޅުވެފައެވެ. އަދި، މިދިޔަ އަހަރު ބޭއްވި އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގެ ހަވާސާގައި ރާއްޖެއިން 'ކްލައިމެޓް ރެޒީލިއަންޓް އައިލެންޑް އިނީޝިއޭޓިވް' މޮޑެލް ހުށަހެޅީ ވެސް މި ސަބަބަށްޓަކައިކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މި މޭމުރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ 'ކްލައިމެ ޓް ރެޒީލިއަންޓް އައިލެންޑް އިނީޝިއޭޓިވް' އަކީ ކުދި އެހެން ޖަޒީރާ ޤައުމުތަކަށް ވެސް، ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ދިރުންތަކުން މުއްސަނދިވެފައިވާ ސަރަޙައްދުތައް ހިމާޔަތްކުރުމާއި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުންފަދަ ކަންކަންކުރުމުގައި ބޭނުންކުރެވިދާނެ ނަމޫނާ މޮޑެލްއެއްކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ވަކާލާތުކުރާ އަދި އެކަމުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ގުޅިގެން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމުގައި ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން ރާއްޖެއިން އަންނަނީ މި ކޯލިޝަނާ ގުޅިގެން ރާއްޖޭގެ ކަނޑުފަޅުތަކުގައި ސައިންޓިފިކް އެކްސްޕެޑިޝަންތައް ކުރިޔަށް ގެންދަމުންކަމަށާއި، މި އެކްޕެޑިޝަންތަކުގެ ނަތީޖާއަށް ރިޢާޔަތްކޮށް، ނޫ އިޤްތިޞާދެއް ބިނާކުރުމުގައި ޤުދްރަތީ ދިރުންތައް ދެމެހެއްޓޭނެގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިޔަށް ދިޔުމުގައި ބޭނުންކުރާނެ މެރިޓައިމް ސްޕޭޝަލް ޕްލޭންތައް އެކުލަވާލާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ފިލާވަޅު ލިބިގަތުމަށާއި، ތިމާވެއްޓަށް ކަމޭހިތުމަށް ގޮވާލައްވާފައެވެ.



