ދިވެހި ރައްޔިތުން ބޭނުންވަނީ ޚިޔާނާތުގައި ބައިވެރިވި އެންމެންނަށް ހައްގު އަދަބު ލިބުން ކަމުގައި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި ބޮޑެތި ތުހުމަތު ތަކެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް ޢަބްދުއްޤަފޫރު ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަތުމާއި ގުޅިގެންނެވެ.
އެގޮތުން ޙިޔާނާތުގެ މައްސަލާގައި ދަޢުލަތުން އަދީބުގެ މައްޗަށް ކުރި ދަޢުވާތަކަށް އިޢުތިރާފްވެވަޑައިގަތުމަށްފަހު އަދީބު ވިދާޅުވެފައި ވަނީ އެ ފައިސާތައް ދަޢުލަތަށް ހޯދަންޖެހޭ ކަމަށާއި އަދި އެކަމުގައި އެއްބާރުލުން ދޭނެ ކަމަށެވެ.
އަދީބުގެ ވާހަކަފުޅުތަކުން އެނގެ ގޮތުގައި އެމްއެޕްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަނީ ކުރީގެ މަޖިލިސް މެމްބަރުންނާއި ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކަކަށްވެސް ލިބިފައިކަމަށެވެ. މީގެ އިތުރުން ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ދައުލަތުގެ ހުރިހާ ފަންތިއެއްގައި އެ ޚިޔާނާތުގެ ފައިސާ ދަޢުރުވެފައިވާކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.
ޚިޔާނާތުގެ މައްސަލާގައި އަދީބު ތަޢުބާވެ މާފަށް އެދިފައިވާއިރު، އުޝާމް ވިދާޅުވެފައި ވަނީ ތައުބާވެ މާފަށް އެދުމަކީ ރިވެތި ސިފައެއްކަމަށާއި ނަމަވެސް ރައްޔިތުން މިއަދު އެންމެ ބޭނުންވަނީ އެއްވެސް ފަރާތެއް އިސްތިސްނާނުކޮށް މިކަމުން ފައިދާ ލިބުނު ހުރިހާ ފަރާތްތަކެއްގެ ނަންތައް ހާމަކޮށްދިނުމަށް ކަމަށެވެ. "ރައްޔިތުން ބޭނުންވަނީ ތިކަމުގައި ބައިވެރިވި ހުރިހާ މީހުންނަށް ހައްގު އަދަބުލިބުން." އުޝާމް ވިދާޅުވެފައިވެއެވެ.
އަދީބުގެ ވާހަކަ ފުޅާއި ގުޅިގެން ބައެއް ޕާޓީތަކުން ދަނީ ޚިޔާނާތުގެ ފައިސާ އެ ޕާޓީތަކަށް ލިބިފައިނުވާކަން ހާމަ ކުރަމުންނެވެ.




