ދުވާފަރު މަގު ހެދުމުގެ %77 ނިމިއްޖެ

ރ. ދުވާފަރު މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ %77 މަސައްކަތް ނިމިފައިވާކަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީ އިން ވިދާޅުވެފައި ވަނީ ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، ތާރު އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. މި މަޝްރޫޢުގެ މަސައްކަތުގެ %77 ނިމިފައިވާއިރު މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ޖޫން 12 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ އަގަކީ 47.04 މިލިއަން ރުފިޔާއެވެ.

މި މަޝްރޫޢުގެ ދަށުން ފައިމަގުގައި ހިނގޭ ގޮތަށް 6،813 ސްކެއާ މީޓަރުގެ ސަރަހައްދެއް ތަރައްޤީކޮށް، މަގުގައި ދުއްވޭ ގޮތަށް 25،523 ސްކެއާ މީޓަރުގެ ސަރަހައްދެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރ. ދުވާފަރު މަގު ހެދުމުގެ ދެވަނަ ފިޔަވަހި މަޝްރޫޢުވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއިއެވެ. މި މަޝްރޫޢުގެ ދަށުން ފައިމަގުގައި ހިނގޭގޮތަށް 4،960 އަކަ މީޓަރުގެ ސަރަހައްދެއް ޤާއިމް ކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 17،790 އަކަ މީޓަރުގެ ސަރަހައްދެއް ޤާއިމް ކުރުމާއި، ކޭބަލް ހޮޅި ވަޅުލުމާއި މަގުބައްތި އަދި ނިޝާން ހަރު ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަސައްކަތުގެ އަގަކީ 37.8 މިލިއަން ރުފިޔާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ