ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ލިޓަސް މޯލްޑިވްސް އިން 500 މުސްލިމުންނަށް ރޯދަ ވީއްލުމެއް ދީފިއެވެ.
ފަލަސްތީނުގެ މުސްލިމުންނަށް އިއްޔެ ދިން މި ރޯދަވީއްލުން ބާއްވާފައިވަނީ، ފަލަސްތީނުގެ ޤުދުސްގައި ހުންނަ މުސްލިމުންގެ މުޤައްދަސް މިސްކިތް، މަސްޖިދުލް އަޤްސާގެ ގޯތިތެރޭގަގައެވެ.
ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ލިޓަސް އިން މި ރޯދަވީއްލުން ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނީ، އެޤައުމުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ބައިނަލްއަޤުވާމީ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން މެދުވެރިކޮށެވެ.

މި މަންޒަރު ފެންނަ ފޮޓޯތައް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން ޖަމިއްޔާއިން މީސް މީޑިއާގައި ދައުރުކޮށްފައިވާއިރު، ގިނަ ބައެއްގެ ތައުރީފު އެ އެހީތެރިކަން ދިން ލިޓަސް އަށް ވަނީ ލިބިފައެވެ.
މިކަމާއި ގުޅޭގޮތުން ލިޓަސް އިން މިއަދު ބުނެފައިވަނީ، ފަލަސްތީނުގެ މުސްލިމުންނަށް އެ ކުންފުނިން ރޯދަވީއްލުމެއް ދިނީ އެހީތެރިކަމަށް ބޭނުންވެފައިވާ މުސްލިމް އަޚުންނާއި އުޚްތުންނަށް ކިތަންމެ ކުޑަ ކަމަކުންވެސް އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދެވޭނެކަން ހާމަކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އަދި ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ ގިނަ ކުނފުނިތަކުންވެސް މިގޮތުގެ މަތީން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދިއުމަކީ އުންމީދެއް ކަމުގައާއި، މިއީ އެއް އުންމަތެއް ކަމަށް ލިޓަސް އިން ބުނެފައިވެއެވެ.