ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ދަޢުލަތުން ހިންގި ކޮރަޕްޝަނާ ގުޅުވައިގެން ދައްކާނެ އެއްވެސް ވާހަކައެއް ނޯންނާނެކަމުގައި މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވެފައި މިވަނީ އޭނާގެ މޭޔަރުކަމުގައި މާލޭ ސިޓީ ކައުންސިލުން ހިންގަމުން އަންނަ ކޮރަޕްޝަން ނިމުމަކަށް ގެންނާނެކަމަށް ވިދާޅުވުމުން އެކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ރައްދު ދެއްވުމާއި ގުޅިގެންނެވެ.
އެގޮތުން މެންބަރު ޝިފާޢު ވަނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އެބަ އެއްޗެކޭ ކިޔާކަމަށް ވިދާޅުވެ އަލްހާންގެ ޓްވީޓަށް ރައްދު ދެއްވާފައެވެ.
ނަމަވެސް އަލްހާން ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދައުލަތުން ހިންގި ކޮރަޕްޝަނާ އޭނާއާއި ގުޅުވައިގެން ދައްކާނެ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށް ވިދާޅުވެ މެންބަރު ޝިފާޢުއަށް ރައްދު ދެއްވާފައެވެ.
އަލްހާންގެ ޓްވީޓްގައި މާލޭ ސިޓީ ކައުންސިލުން ހިންގާފައިވަނީ ކޮރަޕްޝަންގެ ކޮން ޢަމަލުތަކެއްކަމެއް ވިދާޅުވެފައެއް ނުވެއެވެ.
ނިމިދިޔަ ސަރުކާރުގައި އެމްއެމްޕީއާރުސީ ތެރެއިން ހިނގާދިޔަ ބޮޑެތި ޚިޔާނާތުގެ މައްސަލަތަކުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުއަށް ދަޢުލަތުން ކޮށްފައިވާ ހުރިހާ ދަޢުވާ ތަކަކަށް އޭނާ ވަނީ އިޢުތިރާފްވެވަޑައިގެންފައެވެ. އަދީބު ވަނީ އެކަމުން ތަޢުބާވެފައިވާކަން ހާމަ ކުރައްވާ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން އަދީބުގެ ވާހަކަފުޅުތަކުން އެނގޭ ގޮތުގައި އެމްއެޕްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަނީ ކުރީގެ މަޖިލިސް މެމްބަރުންނާއި ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކަކަށްވެސް ލިބިފައެވެ. އަދި ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ދައުލަތުގެ ހުރިހާ ފަންތިއެއްގައި އެ ޚިޔާނާތުގެ ފައިސާ ދަޢުރުވެފައިވާކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ސިޔާސީ ޕާޓީތަކުން އަންނަނީ މިކަން ދޮގު ކުރަމުންނެވެ.