މޫސުން ގޯސްވެ، ރާއްޖޭގެ ދެކުނަށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މި ވައިޓް އެލާރޓް ނެރެފައިވަނީ މިރޭގެ 22:30 ން 03:30 އަށް، ލާމު އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށެވެ.
މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލާރޓްގައި ބުނެފައިވަނީ އެލާރޓް ނެރެފައިވާ ގަޑިތަކުގައި މިސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ.
Alert White for heavy rain and thunderstorms. pic.twitter.com/ThGQmpqHUO
— Maldives Meteorology (@MetMaldives) October 2, 2020
ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވަނީ، މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް، މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
"ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.




