އައްޑޫ ސިޓީއާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމަށް ތައްޔާރު ވެއްޖެއެވެ.
މިގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން މިއަދުވަނީ މިކަމާ ގުޅޭ
އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީއާ ދެމެދު ސޮއިކުރެވިފައެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވުނު މި ތާރީޚީ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛް ފައްޔާޝް އިސްމާޢީލާއި މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. ޢަބްދުﷲ މައުސޫމާއި އައްޑޫ ސިޓީއާއި ހުވަދު އަތޮޅުގެ ބައެއް ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އައްޑޫ ސިޓީ ކައުންސިލުގެ ބައެއް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އައްޑޫ ސިޓީއާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާ ދެމެދު ޤަވާޢިދުން ކޮންމެ ދުވަހަކު ވައިގެ ދަތުރުތައް ބޭއްވުމާ ގުޅޭގޮތުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއެކުގައި މި މިނިސްޓްރީއިން ދަނީ މަޝްވަރާކުރަމުންނެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް، ވަކިން ޚާއްޞަ ގޮތެއްގައި އައްޑޫ ސިޓީއާއި ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމުގައި މި މިނިސްޓްރީއިން ދެކެމެވެ. މިގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ވަރަށް ބޮޑު ބާރަކަށް މިކަން ވެގެންދާނެއެވެ.
އަދި އައްޑުއާއި ފުވައްމުލަކާއި ހުވަދުއާ ދޭތެރޭގައި ރައްޔިތުން ދަތުރުފަތުރުކޮށް ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

މީގެ އިތުރުން މިކަންމަކީ ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، އިޤްތިޞާދު
އާރާސްތުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަމެވެ.
އިޤްތިޞާދީ ހަބެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްޤީ ކުރުމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން އައްޑޫ ސިޓީގެ އިޤްތިޞާދު ފުޅާކޮށް، ޒަމާނީ ސިޓީއެއްގެ ގޮތުގައި އައްޑޫ ތަރައްޤީކުރުމަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކޮށް، އިޤްތިޞާދީ ސިނާޢަތްތައް ތަރައްޤީކުރުމަށްޓަކައި މި މިނިސްޓްރީގެ ފަރާތުން ކަމާގުޅޭ އިދާރާތަކާއެކުގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިގޮތުން އައްޑުއާއި ހުވަދުއާ ދޭތެރޭގައި ސީ ޕްލޭން ދަތުރުތައް ފެށުމުގެ މަސައްކަތުގެ އިތުރުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލާއި، ކާރގޯ ފެސިލިޓީސްއާއި، އެއަރޓްރެފިކް ކޮންޓްރޯލް ޓަވަރު އަދި އެހެނިހެން ވަޞީލަތްތައް ތަރައްޤީކުރުމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީއާ އެކުގައި މުހިންމު މަޝްރޫޢެއް ކުރިޔަށް ގެންދިޔުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ.
މީގެ އިތުރުން އައްޑޫ ސިޓީގެ މަގުތަކުގެ ތެރެއިން 40 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއެއްގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. މި މަޝްރޫޢުތަކަކީ އައްޑޫ ސިޓީ ޙަޤީޤީ މާނައިގައި ލާމަރުކަޒުކޮށް، އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ނުހަނު މުހިންމު މަޝްރޫޢުތަކެކެވެ.
								
											


														
														
														
														
														
														