މިސަރުކާރުން ކަންކަން ކުރަނީ ފޮޓޯއެއް ނަގާލާކަށް ނޫން ކަމަށް އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހުވަދު އަތޮޅާއި ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިސަރުކާރުން ކަންކަން ކުރަނީ ފޮޓޯއެއް ނަގާލާކަށް ނޫންކަން ސާބިތު ކުރަމުން ގެންދާ ކަމަށެވެ.
"މިއަދު ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މިތާ ފަހަތުގައި އެއާރ ޓެކްސީއެއް އޮތްތަން. ރަނގަޅު. މާދަމާ އަދި މި ޚިދުމަތް ފެށެނީއެއް ނޫން. އަޅުގަނޑުމެންނަށް އިނގިފައިވާ ގޮތުގައި 45 ދުވަސްވަރު ތެރޭގައި ސީދާ މި ސަރވިސް ފެށޭނީ" މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ކުލަ ގަދަކޮށް އެ ރަސްމިއްޔާތު ބޭއްވުމުގެ ބޭނުމަކީ މި މެސެޖު މާކެޓު ކުރުމަށް ކަމަށެވެ. އެގޮތުން އިންވެސްޓު ކުރަން ތިއްބެވި ފަރާތްތަކާއި އެއާލައިންތަކާއި ހުވަދޫގައި ހުރި ރިސޯޓުތަކަށް ސީޕްލޭންގެ ހިދުމަށް ފެށުނީކަން ޔަޤީންކަން ދޭން ބޭނުންވާ ކަމަށެވެ.
"ދޮޅު މަސް ތެރޭގައި އިރާދަކުރެއްވިއްޔާ ހުވަދޫ އާއި އައްޑޫ އާއި ދޭތެރޭގައި ކޮންމެ ދުވަހަކު އެއަރ ޓެކްސީ ޓްރެވަލް ކުރަން ފެށެގެންދާނެ ކަމާއި ދޭތެރޭ އަޅުގަނޑުމެން ސައްކެއް ނުކުރަން" ފައްޔާޒު ވިދާޅުވިއެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.



