މީރާގެ އޮންލައިން ޚިދުމަތް ވާރުޕޭ އިން ދިރާގުޕޭ މެދުވެރިކޮށް ފައިސާދެއްކޭނެ ގޮތް ހަދައިފި

ޓެކްސް ފިޔަވާ އެހެނިހެން ފައިސާ ބަލައިގަތުމަށް ޚާއްސަކޮށްފައިވާ މީރާގެ އޮންލައިން ޚިދުމަތް "ވާރުޕޭ" އިން "ދިރާގުޕޭ” މެދުވެރިކޮށް ފައިސާ ދެއްކުމުގެ ޚިދުމަތް މީރާއާއި ދިރާގު ގުޅިގެން ތައާރަފުކޮށްފިއެވެ.

މި ޚިދުމަތް ތަޢާރަފުކޮށްފައިވަނީ، މިއަދު މީރާގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

މި ޚިދުމަތް ތަޢާރަފުކުރުމަށް މީރާގައި ބޭއްވި ހަފްލާގައި، މީރާއާއި ދިރާގުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގައި މީރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، އަލްފާޟިލާ އަސްމާ ޝަފީޢު، އަދި ދިރާގު ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރ، ރޮބިން ވޯލްއެވެ.

މި ޚިދުމަތް ތަޢާރަފްކުރައްވަމުން މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ވިދާޅުވީ، މި ޚިދުމަތަކީ މީރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކޮށްފައިވާ ޚިދުމަތެކެވެ. އަދި މިއީ އޮންލައިންކޮށް
ފައިސާގެ މުއާމަލާތްތައް ކުރުން އިތުރުވަމުން އަންނަ ދުވަސްވަރެއްކަމުން، އަދި ގިނަ ފަރާތްތަކުން މި ފަދަ ޚިދުމަތްތައް ބޭނުންކުރަމުންދާތީ، އެ ފަދަ ފަރާތްތަކުން މީރާއިން ޚިދުމަތް ހޯދުމަށް ވާނެ ފަސޭހައެއްކަމަށްވެސް ޑެޕިއުޓީ ކޮމިޝަނަރ ވިދާޅުވެފައިވެއެވެ. އަދި، ކުރިއަށްއޮތްތަނުގައި، މިފަދަ ޚިދުމަތް ފޯރުކޮށްދޭ އިތުރު ފަރާތްތަކާއި ގުޅިގެން، މި ފަދަ ގިނަ ޚިދުމަތްތައް ތަޢާރަފުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މި ޚިދުމަތް ތައާރަފުކުރުމަށްޓަކައި ދިރާގުގެ ފަރާތުން މީރާއަށް ލިބުނު އެއްބާރުލުން ފާހަގަކޮށް ޝުކުރުދެންނެވިއެވެ.

މި ހަފްލާގައި ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރ ރޮބިން ވޯލް ދެއްކެވި ވާހަކަފުޅުގައި، މީރާގެ ޕޭމަންޓް ޕާޓްނަރ އެއްގެ ގޮތުން ފަސޭހަ، ރައްކާތެރި އަދި އިތުބާރު ހިފޭ ޚިދުމަތެއް ދިރާގު ޕޭ މެދުވެރިކޮށް ފޯރުކޮށްދެވުމަކީ ވަރަށް އުފާކުރައްވާ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން މީރާގެ ކަލެކްޝަން ސެންޓަރތަކަށް ކަސްޓަމަރުން ދާން ނުޖެހި، ފަސޭހަކަމާއެކު ފައިސާދެއްކުމުގެ އިތުރު އިންތިޒާމެއް ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ދިރާގުން އަބަދުވެސް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރެވޭނެ ގޮތްތައް ބަލައި، އެކަންކަން ތަޢާރަފުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރޮބިން ފާހަގަކުރެއްވިއެވެ.

ވާރުދޭ ޚިދުމަތް މެދުވެރިކޮށް ކުންފުނިތަކުގެ އަހަރީ ފީ އާއި، އެއްގަމު އުޅަނދު އަދި ކަނޑު އުޅަނދުގެ އަހަރީ ފީއާއި، ޓްރެފިކާގުޅޭ ގޮތުން ކުރާ ޖޫރިމަނާއާއި، މުދަލު ޒަކާތާއި، އެއަރޕޯޓް ސެކިއުރިޓީ ފާސް ޕޭމަންޓް އަދި މިނޫންވެސް ގިނަ ފައިސާ ދަނީ މީރާއަށް ބަލައިގަންނަމުންނެވެ. ވާރުޕޭގެ ޚިދުމަތަކީ މީރާގެ ވެބްސައިޓުން އަދި މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭ ޚިދުމަތެކެވެ.

މީރާގެ އޮންލައިން ޚިދުމަތް ވާރުޕޭ އިން ދިރާގުޕޭ މެދުވެރިކޮށް ފައިސާދެއްކޭނެ ގޮތް ހަދައިފި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ