ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު | ފޮޓޯ: ރައީސް އޮފީސް

އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 96.4 މިލިއަށް ރުފިޔާ ދޫކޮށްފި

މިހިނގާ އޮކްޓޫބަރ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 96.4 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އޮކްޓޫބަރ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ 8648 ފަރާތަކަށް ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައެވެ.

އިންކަމް ސަޕޯޓް އެލަވަންސް އަށް އެދި ހުށައެލި ފަރާތްތަކުގެ ތެރެއިން މިހާތަނަށް 22751 އެޕްލިކޭޝަނަކަށް ވަނީ ފައިސާ ޖަމާކޮށްފައެވެ.

ކޮވިޑް-19ގެ ގެއްލުމުގެ ސަބަބުން ވިޔަފާރިތަކުންވަނީ ފުޅާ ދާއިރާއެއްގައި މީހުން ވަޒީފާއިން ވަކިކޮށް މުސާރަ ކުޑަކޮށްފަ އެވެ. މިކަމުގެ ސަބަބުން އެތަކެއް ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވަނީ އަސަރުކޮށްފަ އެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޫކުރަނީ ކޮވިޑް-19އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ޚާއްޞަ ޢިނާޔަތެއް ދިނުމުގެ ބޭނުމުގައެވެ. އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެ އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށް ދާދިފަހުން ވަނީ ބަދަލުވެސް ގެނެސްފައެވެ.

މި ބަދަލުގައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، 1 ޑިސެންބަރު 2019 ގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސްއަށް އެދި ހުށައެޅޭނެކަމަށެވެ. މީގެކުރިން އިންކަމް ސަޕޯޓު އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ މާރޗުމަހުގެ އެއްވަނަ ދުވަހުގެ ފަހުން، މުސާރައަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ