އިންޑިއާއާއި އެކު ވެފައިވާ އެގްރިމެންޓައް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަހްމަދު ޝިޔާމް ވިދާޅުވީ ރައްޔިތުން ސިފަކުރާގޮތުގައި އިންޑިއާއާއި އެކު ވަމުންދާ އެގްރިމެންޓްތަކަކީ ނުރައްކާތެރި އެގްރިމެންޓްތަކެއް ކަމަށާއި މި އެގްރިމެންތައް ދިވެހި ރައްޔިތުންނާ ހިސާބަށް ތިލަ ކުރަންޖެހޭ ކަމަށެވެ.
"ރައްޔިތުން އެބަތިބި އަސާސީ އެތައް ކަންތައްތަކެއް މިއަދުވެސް ހާސިލުނުވެ. އިންޑަސްޓްރީ ތަކުގައި މަސައްކަތް ކުރަމުންދިޔަ އެތައް ރައްޔިތުންނެއް ވަޒީފާ ގެއްލި ހާލުގައި ޖެހިފައި ތިބި ވަގުތެއްގައި ރައްޔިތުންގެ ނަމުގައި ލޯނުތައް ނަގައިގެން ކައިރި އަވައްޓެރި އިންޑިއާއިން ބޭނުންވާ ޕްރޮޖެކްތަކަކަށް އެ ލޯންތައް ހޭދަކުރަމުންދާތަން މި ފެންނަނީ. މިއީ ހިތާމަހުރި ކަމެއް" ޝިޔާމް ވިދާޅުވިއެވެ.
ދިވެހި ސަރުކާރުން އިންޑިއާ އާއި އެކީގައި މި ހަދާ އެގްރިމެންޓްތައް ވަރަށް ބޮޑަށް ތިލަ ކުރަން ޖެހޭ ކަމަށާއި މިއީ ކޮން އެގްރިމެންޓްތަކެއް ކަން ދިވެހި ރައްޔިތުންނަށް އެބަ އެނގެން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"މި އެގްރިމެންޓްތަކުގައި ލިޔެވިފައި ހުރީ ކޮން ކަންތައްތަކެއް ކަން. މި އެގްރިމެންޓްތައް މިއަދުން މިއަދަށް. މިހާރުން މިހާރަށް އެބަޖެހޭ ދިވެހި ރައްޔިތުންނަށް ސާފުކޮށްދޭން" ޝިޔާމް ވިދާޅުވިއެވެ.




