ޤައުމު ބިނާވަމުންދަނީ މުދައްރިސުން އަޅުއްވައިދެއްވާ ބިންގަލުގެ މަތީގައި ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާޞަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
ބައިނަލް އަޤްވާމީ ގޮތުން ފާހަގަ ކުރާ މުދައްރިސުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހެވެ. އެހެން ކަމުން މިއަދަކީ މިއަހަރުގެ މުދައްރިސުންގެ ދުވަހެވެ.
މިއަހަރުގެ އުފާވެރި މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ ލޮބުވެތި ހުރިހާ މުދައްރިސުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ އަރިސްކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވެފައި ވަނީ މުދައްރިސުން އަދާކުރައްވަނީ ވަޒީފާއެއް ކަމަށްވިޔަސް، ޙަޤީޤަތުގައި މުދައްރިސުންގެ މަސައްކަތަކީ، ޤައުމުގެ ޙައްޤުގައި ކުރައްވާ، ވަރަށް އަގުހުރި އިންސާނީ ޚިދުމަތެއްކަމަށެވެ. "އެއީ، ރަނގަޅު ޢިލްމާއި ހެޔޮ ތަރުބިއްޔަތާއި ރިވެތި އަދަބު އަޚްލާޤުގެ މަތީގައި، އަޅުގަނޑުމެންގެ ދަރީންގެ ކުރިމަގު ބިނާކޮށްދިނުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
އެގޮތުން ޤައުމު ބިނާވަމުން ދަނީ، މުދައްރިސުން އަޅުއްވައިދެއްވާ ބިންގަލުގެ މަތީގައި އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.
ކޯވިޑް-19ގެ ނުރައްކަލުގެ ތެރޭގައިވެސް ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުމުގައި، މުދައްރިސުން ވެވަޑައިގަންނަވަމުން އެގެންދަވަނީ، މުޅި ޤައުމު ފަޚުރުވެރިވާ ފަދަ މަތިވެރި ޤުރުބާނީއެއްކަމުގައި ވިދާޅުވެ އެމަނިކުފާނު ވަނީ އެކަމަށްޓަކައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި، މުދައްރިސުންނަށް ޝުކުރު ދަންނަވާފައެވެ.
މީގެ އިތުރުން އެމަނިކުފާނުގެ މެސެޖް ނިންމަވާލައްވާފައި ވަނީ މުދައްރިސުން ކުރައްވާ މަތިވެރި ޤައުމީ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލައްވައި، ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.



