ވައިގެ ޒަރިއްޔާއިން ކޮވިޑް ފެތުރިދާނެ ކަމަށް ސީޑީސީ އިން އަނެއްކާވެސް ބުނެފި

ކޮވިޑް-19ގެ ބަލިމަޑުކަން ވައިގެ ޒަރިއްޔާއިންވެސް ފެތުރިދާނެ ކަމަށް އެމެރިކާގެ ސެންޓާ ފޯރ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އެކުލަވާލި އުސޫލުގައި އަނެއްކައިވެސް ބުނެފިއެވެ.

މީގެކުރިންވެސް ސީޑީސީ އިން އެކުލަވާލި އުސޫލެއްގައި މިހެންވަނީ ބުނެފައެވެ. ނަމަވެސް، އުސޫލު އާންމުކުރެވުނީ އޮޅުމަކުން ކަމަށް ބުނެ ސީޑީސީ އިންވަނީ އެ އެސޫލު އެއިރު ނަގައިފައެވެ.

މިފަހުން އާންމުކުރި އާ އުސޫލެއްގައި ސީޑީސީ އިން މިވާހަކަ ދެވަނަ ފަހަރަށް ގެނެސް ބުނެފައިވަނީ ކޮވިޑް-19 ވައިގެ ތެރޭގައި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި ވައިގެ ތެރޭގައި މި ވައިރަހުގެ އަސަރު އެތައް ގަޑިއިރަކަށް ހުރުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް، މިގޮތައް ބަލިފެތުރުން އެހާ އާންމު ނޫންކަމަށްވެސް މި އާ އުސޫލުގައި ބުނެފައި ވެއެވެ.

ސީޑީސީ އިން ކޮވިޑް-19 ފެތުރޭ ގޮތްތައް ބަޔާންކުރަމުން އިތުރަށް ބުނެފައިވަނީ މިބަލި އެންމެ އާންމުކޮށް ފެތުރެނީ ބަލި ޖެހިފައި ހުންނަ މީހަކު ކެއްސާ ކިނބިހި އަޅާ އަދި ވާހަކަދައްކާ ވަގުތު ބުރައިގެންދާ ކުދިކުދި ކުޅު ތިކިތަކުން ނުވަތަ ދަވައިގެ ސަބަބުން ކަމަށެވެ. އަދި ބަލި ޖެހިފައި ހުންނަ މީހަކާއެކު ހޭދަކުރާ ވަގުތާއި އެމީހަކާ ހުއްނަ ދުރު ކައިރިމިން ބަލި ޖެހުމުގައި ހާއްސަ ބަޔެއް ކުޅޭ ކަމަށެވެ.

ކޮވިޑް-19 ބޯޑަށް ފެތުރޭނެ ތަންތަން ބަޔާން ކުރަމުން ސީޑީސީ އިން ބުނެފައިވަނީ، ރަނގަޅަށް ވައި ދައުރުނުވާ ބެދިފައި ހުއްނަ ތަންތާ ގައިދުރުކަމެއް ނެތި ގިނަ ބަޔަކު ތިބުމުން ބަލި ފެތުރުން އަވަސްވާ ކަމަށާއި ނަމަވެސް ހާމަ ތަންތާ ގައިދުރުކަމަށް ސަމާލުކަން ދީގެން ތިބުމުން ބަލި ފެތުރުން ދުރު ކަމަށެވެ.

ވައިގެ ޒަރިއްޔާއިން ކޮވިޑް-19 ފެތުރިދާނެ ކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން މީގެކުރިން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ ޑަބުލިޔުއެޗްއޯ އިން ބުނެފައިވަނީ، ކޮވިޑް-19 ވައިގެ ޒަރިއްޔާއިން ކޮންމެވެސް ވަރަކަށް ފެތުރުނު ނަމަވެސް ވައިރަސް މައިގަނޑު ގޮތެއްގައި ފެތުރެނީ ބަލި ޖެހިފައިވާ މީހަކު ކެއްސާ، ކިނބިހި އަޅާ އިރު ނުކުންނަ ދަވަ އެހެން މީހަކަށް ވާސިލު ވުމުން ކަމަށެވެ.

ނަމަވެސް 32 ގައުމެއްގެ 239 ސައިންސުވެރިން ޑަބްލިޔުއެޗްއޯއަށް ފޮނުވާ ސިޓީގައިވާ ގޮތުން ވައިރަސް ކްލަސްޓާތަކުން ލިބެމުންދާ މައުލޫމާތުން ދޭހަވާ ގޮތުގައި ވައިރަސް ވައިގެ ތެރެއިން ފެތުރުމުގެ ނުރައްކާ ޑަބްލިޔުއެޗްއޯއިން ބުނާ ވަރަށް ވުރެ ބޮޑެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ